21 Mar 2013, 12:14
ދިވެހިރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އިން 27 އަށް ކުރިއަށް ގެންދާން ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕުލެއިނިން(ޑީއެންޕީ) އިން ބުނެފިއެވެ.
އެޑިޕާޓްމެންޓްގަިއ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިޕާޓްމެންޓްގެ އެސިސްޓެންޓް ޑިރެކްޓާ ފާތުމަތު ރިއާޒާ ވިދާޅުވީ މިއަންނަ އަހަރުގެ ސެޕުޓެމްބަރު މަހުގެ 20 އިން 27 އަށް ބޯހިމެނުމަށް ނިންމާފައިވާއިރު މިފަހަރު ޝިއާރެއްގެގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ "އަހަރެންވެސް ބައިވެރިވާނަން" އެޝިއާރު ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރުވެސް ގޭގެއަށްގޮސް، ގޭބިސީތަކުގައި ދިރިއުޅޭމީހުންގެ އަދަދާއި އެމީހުންނާއި ބެހޭ މައުލޫމާތު ހޯދުންފަދަ ކަންތައްތައް ކުރިއަށްދާނެ" ރިއާޒާ ވިދާޅުވިއެވެ.
ރިއާޒާ ވިދާޅުވީ ގޭގެއަށްގޮސް އެގޭގޭގެ މީހުންނާއި ބެހޭ ހުރިހާ މައުލޫމާތެއް ނެގުމަށް ނިންމާފައިވާއިރު މި އަންނަ އަހަރުގެ ބޯހިމެނުމުގައި ބިދޭސީންގެ މައުލޫމާތް ވެސް އެފަދަ ގޮތަކަށް ހޯދުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަންނަ އަހަރުގެ ބޯހިމެނުމުގައި އިންޓަނެޓް އާއި ޓެލެފޯން ބޭނުންކޮށްގެން މައުލޫމާތު ނެގުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަންނަ އަހަރުގައި ބޯހިމެނުމަށް 3327 އެސިއުމަރޭޓަރުން ބޭނުންކުރުމަށް ނިންމާފައިވާކަމަށާއި އެކުދިން ހޯދުމުގެ މަސައްކަތް މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަންނަ އަހަރު ބޯހިމެނުމަށް ބޭނުންކުރާނެ ލޯގޯއެއް ހުށައެޅުމުގެ ފުރުސަތު އާންމުކޮށް އެޑިޕާޓްމަންޓްއިން ހުޅުވާލާފައިވާކަމަށާއި އެގޮތުން 15 މެއިގެ ނިޔަލަށް ކުރިއަށްގެންދާ އެމުބާރާތުން އެއްވަނައަށްދާ ފަރާތަކަށް 5000ރ. ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަދު ވަނީ ބޯހިމެނުމުގެ މައުލޫމާތް ހިމެނޭ ފޭސްބުކު ޕޭޖެއް census Maldives ގެ ނަމުގއި އަދި ޓުވިޓާ އެކައުންޓް @census Maldives ގެ ނަމުގައި ތައާރަފްކޮށްފައެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިޕާޓްމެންޓްގެ ޕާމަނަންޓް ސެކެޓުރީ އިސްމާއިލް ޝަފީގު ވިދާޅުވީ ބޯހިމެނުމަކީ ގައުމީ މަސައްކަތަކަށް ވުމާގުޅިގެން ހުރިހާ ފަރާތަކުންވެސް އެކަމަށް އެންމެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދޭކަމަށާއި އެޑިޕާޓްމެންޓާ ހިއްސާކުރާ މައުލޫމާތަކީ ސިއްރުކުރެވޭނެ މައުލޫމާތްތަކެއް ކަމަށެވެ.
ރާއްޖޭގައި ފުރަތަމައަށް ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުއެވެ. އަދި 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައިވަނީ 5 އަހަރުން 1 އަހަރު އެވެ. 2006 ވަނަ އަހަރުގެ ފަހުން މިވޭތުވެދިޔަ 6 އަހަރު ބޯހިމަނާފައެއް ނުވެ އެވެ.