އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރާ ބޮޑުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީއަށް އެ މައްސަލަ ހުށަހަޅައިފައި ވަނީ އެޗްޑީއެފްސީގެ އައިޓީ މެނޭޖަރު އިސްމާއީލް މަސްއޫދެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ މުސާރަ ބޮޑުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް އޭސީސީން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

އިސްމާއީލް މަސްއޫދު އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެޗްޑީއެފްސީގެ އެމްޑީގެ މުސާރަ ބޮޑުކުރި ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަނަށް ޝައްކުކުރެވޭ އެންމެ ބޮޑު ސަބަބަކީ މެނޭޖިން ޑިރެކްޓަރަށް ދެވޭ މުސާރައާއި އެމްޑީގެ ދަށުން މަސައްކަތްކުރާ އެންމެ ސީނިއާ މުވައްޒަފަށް ދެވޭ މުސާރަ އާއި ހުރި ފަރަގު ކަމަށެވެ. އެމްޑީއަށް މުސާރައިގެ ގޮތުގައި 7000 ޔޫ އެސް ޑޮލަރު އަދި ލިވިން އެލެވަންސްގެ ގޮތުގައި 3000 ޑޮލަރު ލިބޭ ކަމަށާއި އެއީ ދިވެހި ރުފިޔާއިން ނަމަ ޖުމްލަ 154200ރ. ކަމަށް ވެސް އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

އެމްޑީގެ ދަށުން މަސައްކަތްކުރާ އެންމެ ސީނިއާ މުވައްޒަފަށް ހުރިހާ އެލަވަންސާއި އެކު ލިބެނީ ގާތްގަޑަކަށް 35000ރ. ކަމަށާއި ރާއްޖޭގެ ވަޒީފާއާއިބެހޭ ގާނޫނުނުގައި ވާގޮތުން ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭ ހިދު އެމްޑީއަށް ޑޮލަރުން މުސާރަ ދެވޭ ކަމީ ވެސް ގާނޫނާ ތައާރަޒު ވާ ކަމެއް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އެ މައްސަލައިގެ އިތުރުން ކުންފުނީގެ ސީނިއާ މުވައްޒަފުންގެ މަސްލަހަތު ހުރި ފަރާތްތަކަށް ވަޒީފާ ދިނުމުގައި އުސޫލަތަކާއި ޚިލާފަށް، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ވެސް އޭނާ ވަނީ އޭސީސީ އަށް ހުށަހަޅާފަ އެވެ. އަދި އެޗްޑީއެފްސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމެއް އުފައްދައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މީހަކަށް ވަޒީފާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއްވެސް އޭނާ ވަނީ އެ ކޮމިޝަނަށް ހުށަހަޅާފަ އެވެ.


އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުން އެޗްޑީއެފްސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ގެ މަގާމަށާއި ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް، އެތަނަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ދެ ބޯޑް އޮފް ޑިރެކްޓަރުންނާ ގުޅުންހުރި ބަޔަކު ވަނީ ހަމަޖައްސާފަ އެވެ.

އެދެ މަގާމުގެ ތެރެއިން ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް ވެއްދި ފަރާތަކީ ސަރުކަރުން ކަނޑައަޅާފައިވާ ބޯޑު އޮފް ޑިރެކްޓަރެއްގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއްކަމަށް ވެސް އިސްމާއީލް މަސްއޫދު އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ހަމަޖައްސާފައިވާ ފަރާތަކީ ސަރުކާރުން ކަނޑައަޅާފައިވާ ބޯޑު އޮފް ޑިރެކްޓަރަކާ އެކު ކުރިން ރައީސް އޮފީހުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށް ވެސް އޭސީސީ އަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވެއެވެ.

އެޗްޑީއެފްސީގެ ފައިނޭންޝަލް ޑިޕާޓްމަންޓްގައި މިހާރު ވެސް "ނުލާހިކު ކުޅަދާނަ" ޑެޕިއުޓީ ޖެނެރަލް މެނޭޖަރަކު ހުންނަވަނިކޮށް އެއަށްވުރެ މަތީ މަގާމެއް އުފައްދައި ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް މީހަކު ހަމަޖެއްސުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ވެސް ބަލައި ދިނުމަށް އޭނާ އެދިފައި އެވެ.


މިކަމާ ބެހޭ ގޮތުން އެޗްޑީއެފްސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޝަފީގު ވިދާޅުވީ އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލައާ ގުލޭގޮތުން މައުލޫމަތު ދެވޭނީ އެ މައްސަލައިގެ ތަހުގީގު ނިމި އޭސީސީގެ ރިޕޯޓު ލިބުމުން ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްއޭ އަކީ އެ ކުންފުނި ރެގިއުލޭޓް ކޮށް ބަލަހައްޓާ ފަރާތްކަމަށް ވާއިރު އެތަނުން ކުރި އެއްވެސް އޮޑިޓަކުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް އެ ކުންފުނިން ހިންގާފައިވާކަން އެނގެން ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.