21 Mar 2013, 11:59
ޗައިނާގެ ފުޓްބޯޅައަށް އިތުރު ކުރިއެރުމެއް ހޯދައި ދިނުމަށްޓަކައި އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އިއްޔެ އެ ގައުމަށް ގޮސްފި އެވެ.
އުމުރުން 37 އަހަރުގެ ބެކަމް ޗައިނާއަށް ކުރާ ހަތަރު ދުވަހުގެ އެ ދަތުރުގައި އެގައުމުގެ ލީގް މެޗްތައް ކުރިއަށްދާ ގޮތާއި ސުކޫލްތަކުގައި ފުޓްބޯޅަ ކުރިއެރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެކަމްގެ އެ ދަތުރުގެ ސަބަބުން ޗައިނާގެ ފުޓްބޯޅައަށް އިތުރު ކުރިއެރުންތަކެއް ލިބި އެ ގައުމުގައި ފުޓްބޯޅަ ކުރިއެރުވުމަށް އިތުރު ދޮރުތަކެއް ހުޅިވިގެން ދާނެ އެވެ.
ފުޓްބޯޅަ ކެރިޔަރު އަދި ނިންމައިލާން ބޭނުން ނުވާ ބެކަމް މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އަދި ޕީއެސްޖީއާ ބެކަމް ގުޅުމުގެ ކުރިން ޗައިނާގެ ކުލަބަކަށް އޭނާ ގެންދިއުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިޔަކީ ޑޭވިޑް ބެކަމް ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނައަށް އާމްދަނީގެ ގޮތުގައި 36 މިލިއަން ޑޮލަރު ލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.