21 Mar 2013, 11:55
ވެށިފަހި މާލެ ޕްރޮގްރާމްގެ ހުޅުމާލެ އާއި މާލެއިން ބީ ކެޓަގަރީން ގުރުއަތަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރު ނަގައި 75 ފްލެޓް ލިބުނު ފަރާތްތައް ހޮވައިފި އެވެ.
ވެށިފަހި ޕްރޮގްރާމް މާލޭ އޮފީހުން ބީ ކެޓަގަރީއަށް ޝަރުތު ހަމަވާ މީހުންގެ ނަންތައް އިޢުލާން ކުރިއިރު ދެ ލިސްޓެއް ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ލިސްޓްގައި ވަނީ ގުރުއަތަކަށް ނުގޮސް ސީދާ ފްލެޓް ލިބޭ ފަރާތްތަކެވެ. ދެވަނަ ލިސްޓްގައި ހިމަނާފައިވަނީ ގުރުއަތަށް ގޮސްގެން ފްލެޓް ލިބޭ ފަރާތްތަކެވެ. އެގޮތުން ރޭ ދަރުބާރުގޭގައި ވަނީ ގުރުއަތަށް ދިޔަ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ 75 ފަރާތެއް ގުރުއަތުން ނަގައިފަ އެވެ.
ބީ ކެޓަގަރީން 235-275 އާއި ދެމެދަށް މާކްސް ލިބުނު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ އެ 75 ފްލެޓަށް 450 މީހުން ޝަރުތު ހަމަވެފައިވެ އެވެ.
ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ ރޭ ގުރުއަތުން ހޮވުނު 75 ފަރާތްތައް އެ ކެޓަގަރީން ގުރުއަތަކާ ނުލާ ފްލެޓް ލިބިފައިވާ އެހެން ފަރާޓްތަކާ އެކު ފްލެޓް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވުނު 75 ފަރާތުގެ ނަންތައް ގެޒެޓް ކުރާނެ ކަމަށެވެ. ގުރުއަތުން ހޮވުނު ފަރާތްތަކަށް ފްލެޓް ލިބިފައިވީ ނަމަވެސް އެމީހުންގެ ނަން މަތީގައި ގޯއްޗެއް ރަޖިސްޓްރީވެފައިވޭތޯ އިތުރަށް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ގުރުއަތަށް ހޮވުނު މީހުންގެ ނަންމަތީގައި ތަނެއްގައި ރަޖިސްޓްރީ ވެފައިވޭތޯ ބަލާނެ، ހުރިހާ ކައުންސިލްތަކަށް ފޮނުވައިގެން ވެސް ބެލޭނެ، ދެން އެފަދަ ތަނެއް ނެތް ނަމަ އެމީހަކަށް ފްލެޓް ހަވާލުކުރެވޭނެ،" މުއްތަލިބް ވިދާޅުވި އެވެ.
ބީ ކެޓަގަރީގެ ގުރުއަތު ނެގުމަށް ދަރުބާރުގޭގައި ބެހެއްޓި ފޮއްޓަށް އެމީހެއްގެ ގުރުއަތު ނަންބަރު އެމީހަކު އަމިއްލައަށް ވައްޓާލެވޭނެ އިންތިޒާމްތައް އިއްޔެ ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ގުރުއަތު ނަގާ ވަގުތު ޖެހުނުއިރު ވެސް ފޮެއްޓަށް ނަމްބަރުތައް ލާފައިނުވާ ފަރާތްތަކުގެ ނަމްބަރުތައް ލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔަ ވަގުތު އެތަނުގައި ތިބި އާއްމުން ވަނީ އެކަމަށް ހުރަސް އަޅައި ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާ އެކު ފަހުން އެ މައްސަލަ ހައްލުކުރި އެވެ.