16 Oct 2010, 10:02
ކަމެއް ކުރުމުގެ ޢަޒުމު ފާޅުކުރާ އިރު އިންޝާ ﷲ (މާތްﷲ އިރާދަކުރެއްވިއްޔާ) އެވެ ނުބުނުމުގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުގެ މިސާލުތައް ގިނަގުނައެވެ. އޭގެތެރެއިން އެއް މިސާލަކީ އަޚުންތަކެއްގެ ބަގީޗާއަކަށް ކުރިމަތިވި ޙާދިޘާއެވެ. އެބައިމީހުންގެ ބަގީޗާގައި މޭވާ ދޮންވެ ފައްކާވުމުން އެބައިމީހުން ބުނީ މާދަމާ އަހަރެމެންގެ ބަގީޗާގެ މޭވާ ބިންނާނެ ކަމުގައެވެ. ނަމަވެސް އެބުނި ދުވަހުގެ ހެނދުނު އެބައިމީހުން ބަގީޗާއަށް ދިޔައިރު ޤުދުރަތީ އާފާތެއްގެ ސަބަބުން ބަގީޗާގެ މަތިވަރު އެކަށް އޮތީ ހަލާކުވެފައެވެ. އެބައިމީހުންނަށް އެ ލިބުނު ގެއްލުމުގެ ސަބަބަކީ އެބައިމީހުން މޭވާ ބިނުމުގެ ގަސްދު ފާޅުކުރި އިރު އެއާ ވިއްދައިގެން އިރާދަކުރެއްވިއްޔާއެވެ ނުބުނިކަމެވެ.
އިންޝާ ﷲ (މާތްﷲ އިރާދަކުރެއްވިއްޔާ) މި ކަލިމައަކީ ވަރަށް މަތިވެރި އީމާންކަމުގެ ކަލިމައެކެވެ. އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންނަށް އިރުޝާދުދެއްވައިފައިވާ ގޮތުގައި މީހަކު ކަމެއް ކުރާން ގަސްދުކޮށް އެކަމެއްގެ ޢަޒުމު ފާޅުކުރާ އިރު އެއާއެކު އެމީހެއްގެ ދުލުން އިރާދަކުރެއްވިއްޔާއެވެ ބުނުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެކެވެ. މި ލަފްޒަކީ ޙަޤީޤަތަކަށް އިޢުތިރާފުވުމުގެ ކަލިމައެކެވެ. އެ ޙަޤީޤަތަކީ މި ދުނިޔޭގެ ހުރިހާ ކަމެއްގެ ހިންގެވުންތެރިއަކީ މާތްﷲ ކަމާއި މި ދުނިޔޭގައި ތިމާ އެދޭ އެދުމެއް ފުރިހަމަވާނީ މާތްﷲ ގެ އިރާދަފުޅު އެކަމެއްގައި ޝާމިލްވުމުން ކަމުގައި އިޢުތިރާފުވުމެވެ. އިރާދަކުރެއްވިއްޔާއެވެ ބުނުމަކީ ތިމާގެ ބަހުގައި ތިމާގެ އެދުމާއި މާތްﷲ ގެ އެދިވޮޑިގަތުން ގުޅުވައިލުމެވެ. އެއީ ތިމާގެ ގަސްދުގައި މާތްﷲ ގެ އިރާދަފުޅު ޝާމިލްކުރުމެވެ.
މި ދުނިޔޭގެ ހުރިހާ އިޚްތިޔާރެއް މިލްކުވެވޮޑިގެންވަނީ މާތްﷲ އަށެވެ. އިންސާނާގެ ބޭނުންތައް ފުރިހަމަކުރުމަށްޓަކައި އޭނާ ބޭނުންކުރާ ސުމާރެއް ނެތްހައި ގިނަ އެއްޗެހިތަކަކީ މާތްﷲ ގެ އަމުރުފުޅުގެ ދަށުން ޙަރަކާތްކުރަމުންގެންދާ ތަކެއްޗެވެ. އިންސާނާގެ އިޚްތިޔާރުގައި އޮތީ ހަމައެކަނި އޭނާގެ ޢަޒުމެވެ. އެހެން ހުރިހާ އެއްޗެއްސެއް ވަނީ މާތްﷲ ގެ ބާރުފުޅުގެ ދަށުގައެވެ. މާތްﷲ ގެ ކަށަކުޅަދުންވަންތަކަމާ ނިސްބަތްކުރާއިރު އިންސާނާގެ ނުކުޅެދުމާމެދު އޭނާ ވިސްނާ ހިނދު އޭނާއަށް ކުރެވޭ އިޙުސާސް އެ ލަފުޒެއްގެ ސިފައިގައި ފާޅުވާ ލަފުޒަކީ އޭނާ އިރާދަކުރެއްވިއްޔާއެވެ ބުނާ ބުނުމެވެ. މިގޮތުން ބަލާއިރު އިރާދަކުރެއްވިއްޔާއެވެ ބުނުމުން އޭނާއަށް އެ އިޢުތިރާފުވެވެނީ އޭނާއަށް ހަމައެކަނި ކަމެއް ގަސްދުކުރެވޭނީ ކަމަށާއި އެކަމެއް ފުރިހަމަވުން ވަނީ މާތްﷲ ގެ އިރާދަފުޅުގައި ކަމަށާއި އެއީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫންކަމުގައެވެ.
އިރާދަކުރެއްވިއްޔާއެވެ ބުނުމަކީ އޭގެ ޙަޤީޤަތަށް ބަލާއިރު ކުރެވޭ ދުޢާއެކެވެ. އޭގެ މަޠުލަބަކީ އިންސާނާ ކަމެއް ފަށާއިރު އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އެ އެދެވެނީ ތިމާގެ ގަސްދު އެކަލާނގެ ތައުފީޤާއި ތާއީދުން ފުރިހަމަކޮށްދެއްވުމަށެވެ. އިރާދަކުރެއްވިއްޔާއެވެ ބުނުމަކީ ތިމާގެ ޙަޔާތުގެ ދަތުރުގައި ކާއިނާތުގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު ޝާމިލުކުރުން ފަދަ ކަމެކެވެ. އެ މީހަކާއެކު ކާއިނާތުގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު ޝާމިލުވެވޮޑިގެންވާ މީހަކު އެ މީހެއްގެ މަންޒިލަށް ވާސިލުވިޔަނުދީ ހިފެހެއްޓޭނީ ކާކަށްތޯއެވެ؟