ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ދަރުބާރުގެ ހޯދަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަކްޗާ އިން ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ދައުވާ އަނބުރާ ގެންދިއުމާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މިވަގުތު ދައުވާ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހަށް ހައުސިން މިނިސްޓްރީން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނެވެ. އެހެންކަމުން އެދިފައިވާ ގޮތަށް ދައުވާ ފޯމް ބާތިލް ކުރުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ހައުސިން މިނިސްޓްރީން ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައި ވަނީ "މާލޭ ބިން މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ލިޔުމުގެ" އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ ދަރުބާރުގެ އަނބުރާ ހައުސިން މިނިސްޓްރީއަށް ހަވާލުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

އުސްފަސްގަނޑު އަތުލުމަށް ސިޓީ ކައުންސިލާ ދެކޮޅަށް ހައުސިން މިނިސްޓްރީން ކުރި ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 24 ދުވަހު ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލަކާ ހަވާލުކޮށްފައިވާ ބިމެއް ސަރުކާރަށް ނެގޭނެ ކަމަށް ބުނާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެފައިވާ ނަމަ ޝަރީއަތަށް ނުގޮސް، ސަބަބު ބަޔާންކޮށް ކައުންސިލަށް އެންގުމަށް ފަހު އެ ބިމެއް ސަރުކާރަށް ނެގޭނެ ކަމަށެވެ.