ދިވެހިރާއްޖޭގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ރަސްމީ ވެބްސައިޓް (www.un.org.mv) މިއަދު ހެކް ކޮށްފި އެވެ.

އިންޓަނެޓްގެ ޒަރިއްޔާ އިން ތަފާތު ވެބްސައިޓްތައް ހެކްކޮށް، އެފަދަ ހަމަލާތައްދޭ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެނޮނިމަސްގެ "ރާއްޖޭގެ ގޮފި" (އެނޮނިމަސް މޯލްޑިވްސް) އިން ވަނީ އދ.ގެ ވެބްސައިޓް ހެކްކުރުމުގެ ޒިންމާ ނަގާފަ އެވެ.

އދ.ގެ ވެބްސައިޓް ހެކްކުރުމަށް ފަހު ވެބްސައިޓްގެ ހޯމްޕޭޖަށް ލާފައިވާ ލިޔުމުގައި ބުނެފައި ވަނީ ވެބްސައިޓް ހެކްކުރީ އެވެބްސައިޓްގެ ސެކިއުރިޓީ ވަރުގަދަ ނޫންކަން އެންގުމުގެ ގޮތުން ކަމަށެވެ.

ހޯމް ޕޭޖް ހެކްކޮށްފައިވާ ނަމަވެސް އދ.ގެ ވެބްސައިޓުގެ އެހެން ޕޭޖުތައް ހެކްކޮށްފައި ނުވާ ކަން ފާހަގަަކޮށްލެވެ އެވެ.

އޮނޮނިމަސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ވެސް ވަނީ އދ.ގެ ވެބްސައިޓް ހެކްކޮށްފައިވާ ކަމަށް ބުނެފަ އެވެ. ފޭސްބުކުގައި އެނޮނިމަސް އިން އެކަން އެންގުމުގެ ގޮތުން ލިޔެފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އދ.ގެ ވެބްސައިޓްގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

"ހެކްޓިވިސްޓުން"ގެ ޖަމާއަތެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ސިފަކުރާ އެނޮނިމަސް އުފެދިފައި ވަނީ 2003 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން މިއައި އަހަރުތަކުގައި އެޖަމާއަތުން ވަނީ ތަފާތު އެކި އެކި ގައުމުތަކުގެ ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާއި މުއައްސަސާތަކުގެ ވެބްސައިޓްތައް ހެކްކޮށްފަ އެވެ.

އާއްމު ގޮތެއްގައި އެނޮނިމަސްއިން މިފަދަ ހަމަލާތައް އަމާޒުކުރަނީ ސަރުކާރުގެ ތެރޭގައި ސިއްރުކުރުމުގެ ކަންކަމާއި ސެންސާޝިޕް އަދި ކޮރަޕްޝަން ފަދަ ކަންކަން ކުރާ ކަމަށް އެނޮނިމަސްއިން ތުހުމަތުކުރާ މުއައްސަސާތަކާ ދެކޮޅަށެވެ.

ވެބްސައިޓްތައް ހެކްކޮށް، އިންޓަނެޓްގެ ޒަރިއްޔާ އިން ކުރާ ކުށްތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެނޮނިމަސްގެ މެމްބަރުން ވަނީ ހައްޔަރުކުރެވިފަ އެވެ.