ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވެ، މި އަހަރު ރާއްޖޭގައި އެ ޕާޓީގެ ސަރުކާރެއް ގާއިމުވެގެން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ރޭ ޑީއާރުޕީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ އެ ޕާޓީން ދުވަހަކު ވެސް ރައްޔިތުންނަށް ދެރަވާނެ ކަމެއް ނުކުރާނެ ކަމަށާއި އަދި ހަމައާއި އުސޫލުން ވެސް އެ ޕާޓީ ބޭރުވެގެން ނުދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ އުސޫލްތައް ރާއްޖޭގައި ތަމްފީޒު ކުރުމަށް ޓަކައި ކާމިޔާބު ކުރަން ޖެހޭ އިންތިޚާބުތައް ކާމިޔާބު ކުރުމުގައި އެ ޕާޓީއާ ކާނަލް ގުޅިވަޑައިގަތުމަކީ ލިބިގެން ދިޔަ އިތުރު ޔަގީންކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި އުސޫލްތައް ރާއްޖޭގައި ތަންފީޒު ކުރުމަށް ޓަކައި، ކާމިޔާބު ކުރަން ޖެހޭ އިންތިޚާބުތައް ކާމިޔާބު ކުރުމުގައި އަޅުގަނޑު ގަބޫލް ކުރަނީ މުހައްމަދު ނަޝީދު، އާއްމު ނަމުން ނަމަ ކާނަލް އަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް. އަދި އަޅުގަނޑުމެން ގަބޫލް ކުރާ ގޮތުގައި އެ މަނިކުފާނު މި ޕާޓީން މި ގަބޫލު ކުރާ އުސޫލްތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ ފުރުސަތު ހޯދުމަށް ޓަކައި އިޚްލާސްތެރިކަމާ އެކު އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާނެ. ﷲގެ އިރާދަ ފުޅާ އެކު އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުވެ 2013 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ޕާޓީގެ ސަރުކާރެއް ރާއްޖޭގައި ގާއިމް ވެގެން ދާނެ،" ތަސްމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ތަސްމީން ވަނީ ރައީސް ނަޝީދު ވެރިކަން ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ 2008 ވަނަ އަހަރާ ހަމައަށް އައި އިރު ރާއްޖޭގައި އޮތް ނިޒާމު ރައްޔިތުން ބަދަލު ކުރީ ވަރަށް ފޮނި އުއްމީދުގައި ކަމަށެވެ. އަދި އަލަށް ތައާރަފްކުރި އާ ނިޒާމްގެ ދަށުން ފުރަތަ ބޭއްވި އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވި ނަމަވެސް ރައްޔިތުން އުއްމީދު ކުރި ކަންކަން ތަންފީޒު ވަމުން ގޮސްފައި ނުވާ ކަމަށެވެ.

"ދެހާސް އަށް ވަނަ އަހަރު މުޅިން އާ ނިޒާމެއް ބައްޓަން ކުރެވިގެން ދިޔައީ. އެ ނިޒާމުގެ ދަށުން ފުރަތަ ބޭއްވި އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތުން ވޯޓު ލައިގެން އެ އިންތިޚާބު ކާމިޔާބު ކުރެއްވީ. އެހެން ނަމަވެސް މި ދެންނެވި އިންތިޚާބު ކާމިޔާބު ވުމަކުން މި ދެންނެވި އުސޫލްތައް ރާއްޖޭގައި ތަންފީޒުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު. ހިތު ހުރިހާ މީހަކަށް ވަޒީފާ ދިނުމާއި ހިތު ހުރިހާ މީހަކަށް ގޮތަކަށް ކަންތައް ކުރުމާއި ސިޔާސީ ނުފޫޒު ކޮންމެ ކަމެއްގެ ތެރެއަށް ވަދެގެން ގޮސް ހިތު ހުރިހާ ގޮތަކަށް ކަންތައްތައް ވަމުންދާ ތަން އަޅުގަނޑުމެން އެންމެންވެސް ދުށިން. އަދި އެކަމަށް އަޅުގަނޑުމެން ފާޑުވެސް ކީން،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީއަކީ 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް އުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރާ އަދި އެ އުސޫލްތަކަށް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހިތު ހުރިހާ ގޮތަކަށް ކަންތައްތައް ވާން ޑީއާރުޕީން ބޭނުން ނުވާ ކަމަށާއި އޭގެ ތެރޭގައި ވިޔަފާރި ނުވަތަ ވަޒީފާއާ ގުޅުން ހުރި ކަމެއް ނަމަވެސް ވަރިހަމަ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޖިނާއީ އަދުލްގެ ނިޒާމުގެ ތެރެއިން ހިނގާ ކަމެއް ވިޔަސް އެންމެންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ކަންކަން ހިނގުމަކީ ޑީއާރުޕީން ތާއީދުކުރާ ގޮތް ކަމަށެވެ.

ރޭގެ ޖަލްސާގައި ތަސްމީން ވަނީ އެ ޕާޓީއާ ރޭ އަލަށް ގުޅިވަޑައިގަތް ކާނަލް އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން އެ މަނިކުފާނުގެ ސިޔާސީ ތަޖްރިބާއަށާއި ގެންގުޅުއްވާ ސިޔާސީ ފިކުރުގެ އިތުރުން ވާހަކަ ދެއްކުން ތެރިކަމަށް ތަސްމީން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.