21 Mar 2013, 09:30
ހިފާފައިވާ ޤުދްސު (މާޗް 21): އެމެރިކާ އަބަދުވެސް އޮންނާނީ އިސްރާއީލުގެ ޙިމާޔަތުގައި ކަމަށާ އިސްރާއީލު ދިފާޢު ކޮށްދިނުމަކީ އެމެރިކާއަށްލިބޭ ފަޚްރެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާގެ ރިޔާސަތުގައި އިސްރާއީލަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ހިފާފައިވާ ޤުދްސަށް އިއްޔެ ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުނުތާ 65 އަހަރު ވުމަކީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމާ މެދު އެމެރިކާ ފަޚުރުވެރިވާކަމުގަ އެވެ. އޮބާމާ އަށް އިސްރާއީލުން ވަނީ ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފަ އެވެ. އޮބާމާ، ހިފާފައިވާ ޤުދްސަށް ވަޑައިގެންނެވި އިރު އިސްތިޤްބާލުގައި ތިއްބެވީ އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒް އާއި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެވެ.
ޤުދްސުގައި އޮބާމާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ނަތަނިޔާހޫ ވިދާޅުވީ އޮބާމާގެ ދަތުރުފުޅުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނާ ދެމެދު އައު ސަފްޙާއެއް ފެށުމުގެ ފުރްސަތު ތަނަވަސްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގަ އެވެ. ނަތަނިޔާހޫގެ ވާހަކާގައި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއްގެ ޙައްޤު ލިބިދޭގޮތަށް ފަލަސްތީނުގެ މައްސަލަ ޙައްލުކުރަން އިސްރާއީލު އަދިވެސް ބޭނުންކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. އޮބާމާއާއި ނަތަނިޔާހޫގެ ވާހަކަތައް އަމާޒުކުރެއްވީ ސޫރިޔާގެ މައްސަލައާއި އީރާނުގެ ނިއުކްލިޔާ މައްސަލައިގެ އިތުރުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް އަލުން ފެށުމާބެހޭގޮތުން ކަމަށް ޚަބަރު ލިބެ އެވެ.
އޮބާމާ އިސްރާއީލަށް ވަޑައިގަތުމާ ގުޅިގެން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ވަނީ އޮބާމާއާ ދެކޮޅަށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަން ފަށާފަ އެވެ. މިމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކަށް އެމެރިކާ ހިއްވަރުދީ އިސްރާއީލު ދިފާޢުކުރުމުގައި އެމެރިކާ ކުރިޔަށްދާތީ އެމެރިކާއާ ދެކޮޅު ޝިޢާރުތައް އުފުލާފަ އެވެ. (އަލްޖަޒީރާ)