21 Mar 2013, 09:26
ނިއުދިއްލީ (މާޗް 21): ކުރިޔަށްއޮތް އަހަރުތަކުގައި އިންޑިޔާ އާއި މިސްރުގެ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް މިސްރުގެ ރައީސް މުހައްމަދު މުރުސީ ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއް ނިންމަވާލައްވަމުން ދިއްލީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މުރުސީ ވިދާޅުވީ އިންޑިޔާ އާއި މިސްރުގެ ގުޅުންތަކަކީ ތާރީޚުގެ ތެރެއަށް ވަދެފައިވާ ގުޅުންތަކެއް ކަމަށާއި އިންޑިޔާގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގަ އެވެ. މުރުސީ ވަނީ އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ރައީސް ޕްރަނާބް މުކަރްޖީ އާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ. މީގެއިތުރުން އިންޑިޔާގެ ބައެއް އިސް ސިޔާސީ ބޭފުޅުންނާއި ބައެއް ވަޒީރުންނާ ވެސް މުރުސީ ވަނީ ބައްދަލުކުރައްވާފަ އެވެ.
މުރުސީގެ ދަތުރުފުޅުގައި ބޮޑަށް އިސްކަން ދެއްވާފައި ވަނީ ދެގައުމުގެ އިޤްތިސާދީ ގުޅުންތައް ހަރުދަނާކުރެއްވުމަށެވެ. މިގޮތުން މިސްރުގައި އިންވެސްޓްކުރުމަށް އިންޑިޔާގެ ބޮޑެތި ކުންފުނިތަކަށް އޭނާ ގޮވާލެއްވި އެވެ. މުރުސީގެ ދަތުރުފުޅުގައި މިސްރުގެ ވިޔަފާރިވެރިންގެ ބޮޑުވަފްދެއް ވެސް ބައިވެރިވެ އެވެ. މިވަފްދުގެ ބޭފުޅުން ވަނީ އިންޑިޔާގެ އިސްވިޔަފާރިވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. މުރުސީ އިންޑިޔާ އަށް ވަޑައިގަތުމުގެ ކުރިން ޕާކިސްތާނަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.
މުރުސީގެ ދަތުރުފުޅާ ގުޅިގެން އިންޑިޔާ އާއި މިސްރުގެ މަސްއޫލުވެރިން ވަނީ އިޤްތިސާދާއި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ. (އަލްޖަޒީރާ)