ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި އެމްއެންޑީއެފްގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ 19 ހެކި ޝަރީއަތަށް ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ އާއި ލެފްޓިނެންޓް ކާނަލް އަލީ ޝާހިދު މުހައްމަދާއި ފަސްޓް ލެފްޓިނެންޓް އަލީ އިހްސާންގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަރު އޮފް ޕޮލިސް އިސްމާއީލް އަތީފް ވެސް ހިމެނެ އެވެ.

ހެކި ހުށަހެޅުމަށް ފަހު ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގައި ޒިޔާދު ބައިވެރިވިކަން ސާބިތުކޮށްދިނުމަށް ދައުލަތުން ބައެއް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.

ދައުލަތުން މިރޭ ހެކި ހުށަހެޅުމާ އެކު ދިފާއީ ހެކި ހުށަހެޅުމަށް ވެސް ޒިޔާދަށް ވަނީ ފުރުސަތު ދެއްވާފަ އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔާދުގެ ފަރާތުން މީގެކުރިން ނަގާފައިވާ ދެ އިޖުރާއީ ނުކުތާއާ މެދު ވެސް ވަނީ ގޮތެއް ނިންމާފަ އެވެ.

ދައުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހަމަހަމަ އުސޫލެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެ ނެންގެވި ނުކުތާއާ ގުޅޭގޮތުން ފަނޑިޔާރުން ނިންމެވި ނިންމުމުގައި ވަނީ ދައުވާ ކުރުމުގައި ހަމަހަމަކަން ނުގެންގުޅުއްވާކަން ސާބިތުކޮށްދިނުމަކީ ޒިޔާދުގެ ޒިންމާއެއް ކަމަށްވާ އިރު އެކަން އޭނާ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ އުސޫލާ ޚިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ނިންމި ނިންމުމުގައި ބުނެފައިވެ އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރާ މާއްދާ ކަމަށްވާ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާ އަކީ ދުސްތޫރީ މައްސަލަތަކެއް ހުރި މާއްދާއެއް ކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާގައި ފަނޑިޔަރުންގެ ނިންމުމުގައި ބުނެފައި ވަނީ އެ ދައުވާއަކީ ދައުވާއެއްގައި ހަމަވާން ޖެހޭ ހުރިހާ އުންސުރުތަކެއް ހަމަވާ ދައުވާއެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމީ ކަމަށް ވެސް ފަނޑިޔާރުންގެ ނިންމުމުގައިވެ އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ އެ މައްސަލަ ދިރާސާކުރުމަށް ޒިޔާދުގެ ދިފާއީ ވަކީލަށް 20 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ފަހު އެވެ.