20 Mar 2013, 23:34
ޓޫރިޒަމްގެ ހަތަރު ވަނަ މާސްޓާ ޕުލޭންއާއެކު ރާއްޖޭގެ ފަތުރުވެރި ކަމަށް ވަރަށް އުޖާލާ މުސްތަގުބަލެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓުރީއިން ބުނެފި އެވެ.
ދި ޓީވީގެ ހަބަރުތެރެއިން ޕްރޮގުރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ހަތަރު ވަނަ މާސްޓާ ޕުލޭނާއެކު ދިވެހި ރާއްޖޭގެ ފަތުރުވެރި ކަމަށް ވަރަށް އުޖާލާ މުސްތަގުބަލެއް އަންނާނެ ކަމަށާއި އެ ޕުލޭން ތަންފީޒު ވެގެންދާއިރު ރާއްޖެ ވެގެންދާނީ މުޅި ދުނިޔޭގައި ޖަޒީރާ ގައުމެއްގައި އެންމެ ކާމިޔާބު ކަމާއެކު ޓުރިޒަމް ހިންގީ ގައުމަށް ކަމަށެވެ.
"އިރާދަކުރެވިއްޔާ ހަތަރުވަނަ މާސްޓާޕުލޭނާއި އެކު ދިވެހި ރާއްޖޭގެ ފަތުރުވެރި ކަމަށް ވަރަށް އުޖާލާ މުސްތަގުބަލެއް އަންނާނެ، އިރާދަކުރެވިއްޔާ މިޕްލޭން ތަންފީޒު ވެގެންދާއިރު ރާއްޖެ ވެގެންދާނީ މުޅި އޭޝިއާ ސަރަހައްދުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ޖަޒީރާ ގައުމެއްގައި އެންމެ ކާމިޔާބް ކަމާއެކު ފަތުރުވެރިކަން ހިންގޭ ގައުމަށް،" މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ގެސްޓު ހައުސްގެ މަސައްކަތްތަކަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ކަމާއެކު ކުރެވިދާނެ މަސައްކަތްތަކެއް ކަމަށާއި ގެސްޓު ހައުސްގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. އަދި ގެސްޓު ހައުސްތަށް ރާއްޖެތެރޭ ރަށްރަށުގައި ހިންގަން ފަށާއިރު އެ ރަށްރަށުގައި ހުރި އާސާރީ ތަންތަން ދެއްކުންފަދަ ޕުލޭންތަކެއް އެކުލަވާލަން ޖެހޭ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި މަލީހު ވިދާޅުވީ ގެސްޓް ހައުސް ހިންގާ ފަރާތްތަކުން އުފައްދާ ޖަމިއްޔާއެއް ވަރަށް އަވަހަށް ވުޖޫދަށް އަންނާނެ ކަމަށެވެ.
އެ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބް ވިދާޅުވީ ރާއްޖެއަކީ ވަރަށް ހައި ރޭޓެއްގައި ގެސްޓު ހައުސްތަށް ކުއްޔަށް ދޫކުރެވޭނެ ގައުމެއް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ލޭންޑްޔޫސް ޕުލޭނެއްގެ ދަށުން އެ މަސައްކަތްތަށް ކުރުމަށް ކަމަށެވެ.
އެ ޕުރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވެސް އަދި އަދީބު ވެސް ވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ އިގްތުސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ ބައެއް ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.