20 Mar 2013, 21:12
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ޑީއާރުޕީއަށް ސޮއިކޮށްފި އެވެ.
ކާނަލް ޑީއާރުޕީ އަށް ސޮއި ކުރެއްވީ އެކަމަށްޓަކައި ޑީއާރުޕީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ކުރިފުޅުމަތީގަ އެވެ. އަދި ކާނަލް ގެ މެމްބަރުޝިޕް ފޯމާއި ހަވާލުވެ ވަޑައިގަތީވެސް ތަސްމީން އެވެ.
ޑީއާރުޕީ އަށް ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކާނަލް މިރޭ ވިދާޅުވީ އޭނާއާ އެމްޑީޕީ އާ ދޭތެރޭ ހިޔާލުތަފާތުވުންތަކެއް އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަމަށް އަލިމަގެއް ނުފެނުމުން ޕާޓީ ބަދަލު ކުރެއްވީ ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީ އަށް ބަދަލުވެވަޑައިގަތީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާތަނަށް ވެސް އެއް ފިކުރެއްގައި އަދި އެއްގޮތެއްގައި ދެމި އޮތް ހަމައެކަނި ޕާޓީ އަކީ ޑީއާރްޕީ ކަމަށް ވާތީ ކަމަށެވެ. އަދި އެޕާޓީގެ މުސްތަގުބަލް އުޖާލާކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލް ކުރާ އުސޫލު ތަކާއި އެމްޑީޕީގެ ބައެއް ވިސްނުމާއި ޚިޔާލު ތަފާތުވާތާ ކުޑަ ދުވަސް ކޮޅެއް ވެއްޖެ. ދެން މި ޚިޔާލުތައް އެއްގޮތް ކުރެވޭތޯ އެކި ގޮތް ގޮތުން އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ. އެހެން ނަމަވެސް ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައި ގަންނަވާނެ، މިހާރު އަހުލާގީ ގޮތުން ބަލާ އިރު ބައެއް ކަހަލަ އުސޫލުތައް އެބަހުރި އަޅުގަނޑަށް އެމްޑީޕީގެ ތެރެއިން ގަބޫލް ކުރަން ދަތި. އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި ޑީއާރުޕީގެ ތެރެއިން ކުރިއަށް ދާނެ ހުރިހާ ދޮރުތަކެއް އަޅުގަނޑަށް ހުޅުވިގެން ދާނެ،" ކާނަލް ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ކާނަލް އަކީ އަބަދު ވެސް މަޖިލީހުގެ ތެރޭގައި އޭނާ އާ އެކު ގާތްގުޅުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އެ ދެ ބޭފުޅުން އަބަދުވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝަވަރާ ކުރައްވައި ހައްދަވާ ކަމަށެވެ. ނަމަވެސް ޑީއާރުޕީ އަށް އޭނާ މިރޭ ސޮއި ކުރެއްވީ ކުރިއްސުރެ މަޝްވަރާކޮށްގެން ރޭވިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެ އޮތް އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކާނަލް ވާދަކުރެއްވި އެވެ. ނަމަވެސް ދެ ނާއިބު ލީޑަރުންނަށް އެ ޕާޓީން ހޮވީ، ޑީއާރުޕީގައި ހުންނެވުމަށް ފަހު އެމްޑީޕީ އަށް ސޮއިކުރެއްވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގަތް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ކާނަލަށް ލިބުނީ ފަސް ވޯޓެވެ.
ކާނަލް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވާދަ ކުރައްވައިގެން ބަލިވެ ވަޑައިގަތުމާއި ޑީއާރުޕީ އަށް ސޮއި ކުރެއްވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.