20 Mar 2013, 20:36
ބަންގްލަދޭޝްގެ ރައީސް ޒިލުރް ރަޙްމާން (ފޮޓޯ) އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި އެ ޤައުމުގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ރައީސް ޒިލުރް ރަޙްމާނަކީ ބަންގްލަދޭޝަށް އެކި ރޮނގު ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސިޔާސީ ބޭފުޅެއްކަން އަބަދު ވެސް ފާހަގަކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. ޚާއްޞަ ގޮތެއްގައި ބަންގްލަދޭޝްގައި ޑިމޮކްރަސީ ޤާއިމްކުރުމަށާއި އެޤައުމުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރައީސް ޒިލުރް ރަޙްމާން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި ރައީސް ޒިލުރް ރަޙްމާންގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.