މަސްތުވާ ބޭހެއް ގެންގުޅުނު މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ޕެންޓޮންވިލާ އަބްދުﷲ ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށް ޕޮލިސް ސްޓޭޝަންގެ ގޮޅިއަށް ވެއްދުމުގެ ކުރިން ޗެކްކުރި އިރު އޭނާގެ އަތުން މަސްތުވާ ބޭސް އަޅާފައިވާ ޕެކެޓެއް ފެނިފައިވާ ކަމަށް އޭނާ ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

އޭނާގެ އަތުން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓުގައި ހުރިތަކެއްޗަކީ އޭނާ ބޭނުންކުރުމަށް ބެހެއްޓި މަސްތުވާ ބެހެއްކަމަށް ބުނެ ދައުވާ އަށް އިއުތިރާފުވެފައިވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.

އޭނާގެ އަތުން ފެނުނު ތަކެތީގައި 0.1037 ގްރާމް ޒެނެކްސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭއިރު އެއީ އެފަދަ ބޭހެއް ޑޮކްޓަރު އާންމުކޮށް ލިޔެދޭ މިންވަރަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.