20 Mar 2013, 17:51
ޖުޑީޝަލް ސާވިސް ކޮމިޝަން {ޖޭއެސްސީ} މިހާރު އެކުލަވާ ލެވިފައިވާ ގޮތަކީ ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ނޫން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ މެންބަރު ޢައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗް ޖޭއެސްސީން އެކުލަވާލާފައިވާ ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ޖޭއެސްސީ އެކުލަވާ ލެވިފައި ވަނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަމުގައިވީ ނަމަ ވެސް މިހާރުގެ ޖޭއެސްސީ އެކުލަވާ ލެވިފައިވާ ގޮތަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ޖޭއެސްސީ މިހާރު އެކުލަވާ ލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތަކަށް ނޫން ކަމަށް. އަޅުގަނޑު ގަބޫލެއް ނުކުރަން ޖޭއެސްސީ އެކުލަވާލާފަ އެއޮތީކީ އެއް އެންމެ އެކަށީގެންވާ ގޮތެއްގެ މައްޗަށް އޮތް މޮޑެލްއަކަށް ކަމަކަށް. އެހެން ނަމަވެސް ޖޭއެސްސީ އެ އޮތީ ގާނޫނުއަސާސީގައި ބުނާ ގޮތަށް އެހެންވީމަ އަޅުގަނޑުމެން ހިނގާން ޖެހޭނީ އެ ގޮތަށް." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ އޭގެ ސަބަބުން ވަކި މައްސަލަ އަކަށް ހުރަސް އެޅޭނެ ނުވަތަ ހުރަސް އެޅިގެން ދާނެ ކަމެއް ނޫނުން ކަމަށެވެ. އަދި އޭގެ ސަބަބުން ޖޭއެސްސީގައި ތިއްބަވާ ބޭފުޅުންނަކީ ވަކި މައްސަލައަކަށް ހާއްސަ ސަމާލު ކަން ދޭނެ ބޭފުޅުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ހުޅުމާލޭ ކޯޓުގެ ބެންޗު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަ އަށް އިޝާރާތް ކުރައްވައި އާޒިމާ ވިދާޅުވީ އެ ކޮމެޓީން ހުޅުމާލޭ ކޯޓުގެ ބެންޗްގެ ޖޭއެސްސީން އެކުލަވާލާފައިވާ ގޮތް މިވަގުތު ބަލަމުން ގެންދިއުމަކީ މިހާރު އެ ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިވަގުތު ޖޭއެސްސީން ހުޅުމާލޭ ކޯޓުގެ ބެންޗުގެ އެކުލަވާލާފައިވާ ގޮތް ބެލުމަކީ ނުވަތަ ތަހްގީގު ކުރުމަކީ އޭގެ ސަބަބުން އެ ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީޢަތްތަކަށް އަސަރު ކުރާނެ ކަމަށް. " އާޒިމާ ވިދާޅުވި އެވެ.
އާޒިމާ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުައްސަސާތަކުގެ ކޮމެޓީގައި މިއަދު އެ މައްސަލަ ބެއްލުވުމަށް ތިއްބެވީ އެމްޑީޕީގެ މެންބަރުން ކަމަށް ވެފައި އަދި ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލެވިފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ޝަރީޢަތް ކުރުމަށް ކަމަށް ވާތީ އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ އެކަމަނާ އަކީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނަމަ ކޮމެޓީން މި ވަގުތު އެ މައްސަލަ ބެލުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި އަދި އެކަމުގައި ބައިވެރި ވެވަޑައިނުގަންނަވާނެ ކަމަށެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މެންބަރު ގާސިމް އިބްރާހީމް ހުޅުމާލޭ ކޯޓްގެ ބެންޗު އެކުލަވައި ލުމަށް ވޯޓް ދެއްވުމާ ބެހޭ ގޮތުން އާޒިމާ ވިދާޅުވީ ގާސިމް އިބްރާހީމް ޖޭއެސްސީގައި ހުންނަވަނީ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރެއްވުމަށް ކަމަށާއި އެހެން ކަމ،ުން ގާސިމް އިބްރާހީމް ވޯޓް ދެއްވުމަކީ އޭނާގެ އަމިއްލަ ހައްގެއް ކަމަށާއި އަދި އެއީ ގާނޫނުއަސާސީން ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެން ނަމަވެސް އާޒިމާ ވިދާޅުވީ އެކަމަނާ ޖޭއެސްސީ ގައި ގާސިމްގެ މަގާމުގައި ހުންނެވިނަމަ ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާން ފަނޑިޔާރުންގެ ބެންޗު އެކުލަވާލަން ނެގި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
އާޒިމާ އެހެން ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗަކީ ކުރީގެ ރައީސް މުހައްމަދު ނަޝީގެ ޝަރީޢަތް ކުރުމަށް އެކުލަވާލާފައިވާ ބެންޗެއް ކަމަށް ވެފައި ގާސިމް އިބްރާހީމް އަކީ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވާތީ އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ޖޭއެސްސީން ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލާފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރާން ޖެހޭ އިޖުރާތުތައް ފުރިހަ ކޮށްފައި ކަމަށާއި އެހެން ކަމުން އެކަން ކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ވިދާޅުވި އެވެ.