ދުނިޔެ ހޫނު ވުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން މުޅި ދުނިޔޭގައި ފާހަގަ ކުރާ "އާތު އަވަރ" ކެމްޕެއިންގެ ދަށުން އެ ދުވަހުގެ ރޭ އެއް ގަޑިއިރަށް މުޅި ރާއްޖޭގެ ހުރިހާ ދިއްލުންތަކެއް ނިއްވައިލާން ނިންމައިފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ "އާތު އަވަރ" ކެމްޕެއިން ރާއްޖޭގައި މި އަހަރު ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގެ ހުރިހާ ދިއްލުންތަކެއް ނިއްވައިލާން ނިންމައިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ން 9:30 އަށެވެ. އާތު އަވަރ ކެމްޕެއިންގެ ދަށުން ކަނޑައެޅޭ އެއް ގަޑިއިރުގެ ވަގުުތުގައި ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގެ ހުރިހާ ދިއްލުމެއް ނިއްވައިލައި އަނދިރި ކޮށްލަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) "ސަން" އަށް ވިދާޅުވީ އެ ވަގުތުގައި މާލޭގެ މޫނުމަތި އެކީ އަނދިރި ކޮށްލާން ނިންމައިފައިވާ ކަމަށާއި، އެ ވަގުތު ފުނަދޫގައި ތިބެގެން މާލޭގެ މޫނު މަތި ނިވެމުންދާ ގޮތް މުޅި ދުނިޔެ އަށް ކަވަރ ކުރަމުންދާނެ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ގެއަކުން ވެސް ބޮކިތައް ނިއްވައިލުމަށް ފަހު ގެއިން ބޭރަށް ނުކުމެ އެ ރޭގެ ޕްރޮގްރާމްތަކުގައި ބައިވެރި ވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"މި ކަމުގައި ވީހާ ވެސް ގިނަ ރައްޔިތުންނެއް ބައިވެރި ވާންވީ. އެ މީހެއްގެ ގެއަކުން ހަމަ ވީ ވަރަކުން ބޮކިތަކާއި އިލެކްޓްރިކް އެހެނިހެން އެއްޗެތި ނިއްވައިލައިފައި ބޭރަށް ނުކުންނާން ވީ. އެރޭ ތަފާތު ތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ވެސް އޮންނާނެ،" ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:30ން 10:30ށް ބައިސްކަލް ފިޔަވައި، ޚާއްސަ ހުއްދަ އެއް ލިބިގެން ނޫނީ އެއްވެސް އިންޖީނު އެއްޗެއް މަގުމަތީގައި ދުއްވުން މަނާކޮށް އެ ވަގުތަކީ ހިނގައިފައި އުޅޭ ވަގުތެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ހަމަ ޖައްސައިދީފައިވާ ކަމަށެވެ.

މުޅި ދުނިޔޭގައި އާތު އަވަރ ގެ ނަމުގައި ވޯލްޑް ވައިލްޑް ފަންޑު (ޑަބްލިޔުޑަބްލިޔުއެފް) އިން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ކެމްޕެއިންގައި 2009 ވަނަ އަހަރުން ފެށިގެން ރާއްޖެ ވަނީ ބައިވެރިވެފައެވެ.