ދ. އަތޮޅު ކައުންސިލްގެ ޚިދުމަތްތައް ދިނުމަށް އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތި ވެފައި ނުވާ ކަމަށާއި ގަވައިދާ ޚިލާފަށް އެއްވެސް ކައުންސެލަރަކު ރަށުން ބޭރުގައި ވެސް ނޫޅުއްވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ދ. އަތޮޅު ކައުންސިލްގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި މިއަދު ޚަބަރު ފެތުރުމާ ގުޅިގެން، އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުލް ގާދިރު މުހައްމަދު ސަން އަށް މިއަދު ވިދާޅުވީ އެ ކައުންސިލްގެ ހަ ކައުންސެލަރުންގެ ތެރެއިން ދެ ބޭފުޅަކު ތިއްބެވީ ރަސްމީ ޗުއްޓީގައި ކަމަށާއި ދެ ބޭފުޅަކު ރަސްމީ މަސައްކަތުގައި މާލޭގައި އެބަ އުޅުއްވާ ކަމަށާއި ސަލާމުގައި ހުންނެވީ އެންމެ ބޭފުޅެއް ކަމަށެވެ.

"މިއަދު މި ދިމާވި ގޮތަކީ ރަށުގައި އަތޮޅު ކައުންސިލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަޅުގަނޑުމެންގެ މެންބަރު ހުސެއިން ހަމީދު ބަލިވެ އުޅުއްވާތީ އޮފީހަށް ވަޑައިގެންނެވޭ ގޮތެއް ނުވީ. އެއީ ހަމަ ވެދާނެ ކަމެއް. ކައުންސިލުން ދޭ ޚިދުމަތް ތަކާއި އިދާރީ ހިންގުމަށް އެކަމުން އެއްވެސް ކަހަލަ ބުރުލެއް ނާރާ،" ދ. އަތޮޅު ކައުންސިލްގެ ރައީސް ގާދިރު ވިދާޅުވި އެވެ.

ގާދިރު ވިދާޅުވީ އަތޮޅު ކައުންސިލްގެ މެންބަރުންގެ ތެރެއިން ނައިބު ރައީސް ހުސެއިން ޝާކިރު މި ވަގުތު ހުންނެވީ ރަސްމީ ޗުއްޓީ އެއް ނަންގަވައިގެން ބޭސްފަރުވާ އަކަށް ވަޑައިގެން ރާއްޖެއިން ބޭރުގައި ކަމަށާއި ކައުންސިލްގެ މެންބަރު ހަމްދީ ޢަބްދުﷲ އާއި އަޝްރަފު އަބްދުއް ސައްތާރު އުޅުއްވަނީ ރަސްމީ ދަތުރެއްގައި މާލޭގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކައުންސިލް ތަކުގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތަށް ބަލާ އިރު، ރަސްމީ އެކި ބޭނުންތަކުގައި ކައުންސިލްގެ ބޭފުޅުން މާލެ އަށް ދަތުރު ކުރާން ޖެހުމަކީ ޢާންމު ކަމެއް ކަމަށެވެ. އެ ގޮތުން އެކަހަލަ ހާލަތު ތަކުގައި ކައުންސިލްގެ އިދާރާ ހުންނަ ރަށުގައި އާންމު ގޮތެއްގައި ހުންނަވާނީ އެކެއް ނުވަތަ ދެ މެންބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލްގެ މަސައްކަތަކީ ލާ މަރުކަޒީ އުސޫލުން ކުރެވޭ މަސައްކަތްތަކެއް. ކައުންސިލުގައި ހަ ބޭފުޅުން ތިއްބަވާ އިރު އަތޮޅު ތެރޭގަ އާއި މާލޭގައި ވެސް މެންބަރުން އެކި ކަންކަމުގައި އުޅުއްވަން އެބަ ޖެހޭ. އެއީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. އެހެން ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް މެދުނުކެނޑޭ ގޮތަށް އަޅުގަނޑުމެން އެކަން އަބަދުވެސް ކުރަނީ. މި ދެންނެވި ދަތުރުތައް ވެސް މި ކުރާން ޖެހެނީ ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ހޯދައިދިނުމަށް. އެ ފަދަ ދަތުރުތަކުގައި އެންމެ މެންބަރެއްގެ ބަދަލުގައި ގިނަ މެންބަރުން ބައިވެރިވުމުން ނެރެވޭ ނަތީޖާ ރަނގަޅު." ގާދިރު ވިދާޅުވި އެވެ.