އެމެރިކާގެ މަޝްހޫރު ސޮފްޓްވެއާ ކުންފުނި އެޑޯބީގެ ޗީފް ޓެކްނޯލޮޖީ އޮފިސަރު ކެވިން ލިންޗް މަޝްހޫރު އައިފޯން އުފައްދާ އެޕަލް ކުންފުންޏާ ގުޅިއްޖެ އެވެ.

އެޑޯބީގެ ކްލައުޑް ސްޓޯރޭޖާއި އަދި ސޯޝަލް ކޮމްޕިއުޓިންގެ މަޝްރޫއުތައް ދިރާސާކޮށް ފަރުމާކުރުމުގެ މަސައްކަތްކުރާ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކެވިން ލިންޗް އަކީ ކުރިން އެޕަލްގެ މެކިންޓޮޝް ޕާސަނަލް ކޮމްޕިއުޓަރުގެ ސޮފްޓްވެއާ އުފެއްދުމުގައި މަސައްކަތް ކުރި ފަރާތެކެވެ. ކެވިން އެޑޯބީއާ ގުޅުނީ 2005 ވަނަ އަހަރު އެވެ.

މިމަހު 22 ގައި އެޕަލްއާ ރަސްމީކޮށް ގުޅުމަށްފަހު ކެވިން ކްލިންޗް މަސައްކަތް ކުރާނީ އެޕަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓު ބޮބް މެންސްފީލްޑްގެ ދަށުން އެކުންފުނީގެ ޓެކްނޯލޮޖީ ވައިސް ޕްރެޒިޑެންޓްގެ ގޮތުގައެވެ.

ކްލިންޗް އާއި އެޕަލްއާ ކުރިން މައްސަލަ ޖެހުނީ އެޕަލްގެ އުފެއްދުން ތަކުގައި އެޑޯބީ ފްލޭޝް ވީޑިއޯ ޕްރޮގްރާމްތައް ބޭނުން ކުރުން މަނާކުރި ހިސާބުންނެވެ. އެޕަލްގެ ކޯ-ފައުންޑާ، ސްޓީވް ޖޮބްސް އޭރު ބުނެފައިވަނީ އެޑޯބީގެ ފްލޭޝް ޕްރޮޑަކްޓަކީ މޯބައިލް ޓެކްނޯލޮޖީގައި ބޭނުންކުރަން އެހާ ކަމުދާ ޓެކްނޯލޮޖީ އެއް ނޫން ކަމަށާއި އެޕަލްގެ އުފެއްދުން ތަކުގައި ފްލޭޝް ސޮފްޓްވެއާ ބޭނުން ނުކުރާނޭ ކަމަށެވެ. އެކަމާއި ގުޅިގެން ކެވިން ކްލިންޗް އޭރު ބުނެފައިވަނީ އެޕަލްގެ އެނިންމުމުގެ ސަބަބުން އެޕަލްގެ ކަސްޓަމަރުންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ.

ކްލިންޗް ވަނީ އެޑޯބީގެ ކްރިއޭޓިވް ކްލައުޑް ސޮފްޓްވެއާ އުފެއްދުމުގައި ވަރަށް ބޮޑުދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އެޑޯބީގެ އުފެއްދުންތައް ސަބްސްކްރިޕްޝަން-ބޭސްކޮށް ވަޔަލެއްސް ޓެކްނޯލޮޖީއާ ރައްޓެހިކޮށް އައިޕެޑާއި އަދި އެހެނިހެންވެސް ޓެބްލެޓް ޕީސީ ސޮފްޓްވެއާ ފަރުމާ ކުރާ ފަރާތްތައް އެޑޯބީގެ އުފެއްދުންތައް ބޭނުންކުރަށް ބޮޑު މަސައްކަތްތަކެއް އޭނާ ކޮށްފައި ވެއެވެ.

އެޑޯބީއިން އިއްޔެ ހާމަކުރިގޮތުގައި އެކުންފުނީގެ ކްރިއޭޓިވް ކްލައުޑް ސަބްސްކްރައިބާސް އިންގެ ގޮތުގައި މިހާތަނަށް 500،000 ސަބްސްކްރައިބާސް އެބަ ތިއްބެވެ. އަދި އެކުންފުނިން ބުނެފައިވާ ގޮތުގައި އެވިން ލިންޗް އެޕަލްއާ ގުޅުނު ނަމަވެސް އެޑޯބީއިން މިވަގުތަށް އިތުރު ޓެކްނޯލޮޖީ ޗީފް އޮފިސަރެއް ހޯދުމަށް މަސައްކަތެއް ނުކުރާނެ އެވެ.