ރާއްޖޭގައި އިންވެސްޓް ކުރާ (ބޭރުގެ ފަރާތްތަކުން) ރާއްޖެ އަށް ޓެކްސް ވެސް ދައްކާނެ ކަމަށާއި ރާއްޖެ މުއްސަނދި ކުރެވޭނީ ގިނަ އިންވެސްޓްމެންޓްތައް ގެނެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ މުއްސަނދި ކުރެވޭނީ ގިނަ އިންވެސްޓްމެންޓް ގެނެވިގެން ކަމަށާއި މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށެވެ.

"ގަތަރުގެ އިސްވެރިންނާ އަޅުގަނޑުމެން މަޝްވަރާ ކުރި އިރުގައި އެބޭފުޅުންގެ ލަފަޔަކީ ވެސް ވީހާ ވެސް ބޮޑަކަށް އިންވެސްޓްމެންޓްސް ގެނެވޭތޯ މަސައްކަތް ކުރާށޭ. އޭރުން ގައުމަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ކުރިއަށް ގެންދެވިދާނޭ. އިންވެސްޓް ކުރުމުގެ ސަބަބުން އެތަނަށް އަންނަ މީހުން ރާއްޖެ އަށް ޓެކްސް ވެސް ދައްކާނެ، އަދި ހަމަ އެހެން، ވިޔަފާރި ވެސް ކުރާނެ. މިގޮތަށް ގިނަ އިންވެސްޓްމެންޓް ގެނެސްގެން ރާއްޖެ މުއްސަނދި ކުރެވެން މިހާރު އޮތީ. އެހެންވީމާ އަޅުގަނޑުމެން އެގޮތަށް މަސައްކަތް ކުރަމުން ގެންދާނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ގަތަރުގެ އިންވެސްޓްމެންޓް ރާއްޖޭގައި ގާއިމްކުރުމަށް މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރައްވާފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގަތަރުގެ އިންވެސްޓަރުންގެ ވަފުދެއް ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ގަތަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ވާހަކަ ދެކެވި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ޓޫރިޒަމާއި ރިއަލް އެސްޓޭޓްގެ ދާއިރާ އިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ގަތަރުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ލިބިފައި ކަމަށެވެ.

ގަތަރު ސަރުކާރުގެ އިންވެސްޓަރު ކަތާރާއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޓޫރިޒަމާއި ރިއަލް އެސްޓޭޓްގެ މަސައްކަތް ކުރުމަށް އެއާޕޯޓާ ވީހާ ވެސް ކައިރިން ރަށެއް ނުވަތަ ފަޅެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ދޫކުރާނީ ކޮން ތަނެއް ކަމެއް އަދި ކަނޑަ އެޅިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަތާރާއިން ރާއްޖޭގައި އިންވެސްޓް ކުރުމުން ރާއްޖެ އަށް ކޮށްދޭނެ ހިދުމަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެކުންފުނިން ކުރާ ބައެއް މަސައްކަތްތަކާ ގުޅުވައިގެން ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކި އިރުގައި، ބައެއް މަސައްކަތްތަކާ ގުޅުވައިގެން އެބޭފުޅުން ތިއްބެވީ ބައެއް ޑޮމެސްޓިކް އެއާޕޯޓްތައް ވެސް މިހާރަށް ވުރެން ބޮޑަށް ތަރައްގީކުރުމަށް ތައްޔާރަށް. އެގޮތުން މިހާރު ހުރި ޑޮމެސްޓިކް ބައެއް އެއާޕޯޓްތަކުގައި މިހާރު ހުރި ރަންވޭތަކަށް ވުރެ ރަންވޭ ދިގުކޮށް، ޕްރައިވެޓް ޖެޓަށް ޖެއްސޭ ވަރަށް ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރެއްވުމަށް ވެސް ތައްޔާރަށް ތިއްބެވި ކަމަށް އެބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް އިޝާރާތް ލިބިފައި ވަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ގަތަރަކީ ވަރަށް ބޮޑު އިންވެސްޓަރެއް ކަމަށާއި އެގައުމުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްރޫއުތައް ހިންގަން އެގައުމުން އޮތީ ތައްޔާރަށް ކަމަށެވެ.

"ވަރަށް ފުޅާ ދާއިރާއެއްގައި އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން އެކި އެކި މަޝްރޫއުތައް ހިންގަވަން، އެހެންވީމާ އަޅުގަނޑު ދަންނަވާނީ މީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ނަސީބެކޭ، ގަތަރަކީ ވަރަށް ބޮޑު އިންވެސްޓަރެއް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް،" ރައީސް ވިދާޅުވި އެވެ.