16 Oct 2010, 09:39
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ނުފުއްދެވޭ ވަޢުދުތައް ކުރިއަށް ނެރެ، ރައީސް ނަޝީދު ރައްޔިތުންނަށް "އަވާމެންދު" ދައްކަވައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ތަސްމީނުގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު ވެރިކަން ހޯއްދެވީ، ރައްޔިތުންނަށް ވައުދުތަކުގެ އަވާމެންދުރެއް ދައްކަވައިގެން ކަމަށެވެ. އަދި ރިޔާސީ ކެމްޕޭނުގެ ވަޢުދުތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެތަކެއް ވަޢުދެއް ވެވަޑައިގެންފައިވާ ކަމަށާއި ދެ އަހަރުވާ އިރު، އެވަޢުދުތަކުގެ ތެރެއިން ގިނަ ވަޢުދުތަކެއް ފުއްދަވާފައި ނުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނާތީ، އާގޮތަކަށް ރައްޔިތުންނަށް އަވާމެންދުރު ދެއްކޭތޯ ރައީސް ނަޝީދު މިހާރު މަސައްކަންކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު ނުފުއްދަވާ ވާ ވައުދުތައް ފާހަގަ ކުރައްވައި ތަސްމީން ވިދާޅުވެފައި ވަނީ، 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ފަޚުރުވެރިކަމާ އެކު ރައީސް ނަޝީދު އިއުލާނު ކުރެއްވި، މުޅި މާލެއަތޮޅަށް ކަރަންޓު ފޯރުކޮށްދެވޭނެ 200 މިލިއަން ޑޮލަރުގެ ޤާފަރު ވިންޑް ފާރމް ޕްރޮޖެކްޓުގެ އަޑެއްބަޑެއް މިހާރަކު ނީވޭކަމަށެވެ. އަދި އައި.ޖީ.އެމް.އެޗް.ގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެޕޯލޯ ކުންފުންޏާ ގެޅިގެންކަމަށާއި އެކުންފުންޏާ އެކު 20 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި ކަމަށް މި އަހަރުގެ ޖެނުއަރީ މަހު ދައްކަވަންފެއްޓެވި ވާހަކަފުޅުތައް ބޮނޑުނިގުލަށް ގޮސްފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ. އަދި ދައުލަތުގެ މީޑިއާ މިނިވަންވާނެކަމަށާއި އެ މީޑިއާ ހިންގާނީ ރައްޔިތުންގެ މަޖިލީހުން އުފައްދާ ބޯޑަކުން ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެ، ވީ ވައުދާއި ކަންކުރި ގޮތާ މުޅިން ތަފާތު ކަމަށާއި މިފަދަ އެތައްކަމެއް ހުރުމާއެކު ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީއަށް ލަދުވެތި ނާކާމިޔާބަކާ ކުރިމަތިލާންޖެހޭނެތީވެ ރައްޔިތުންގެ ލޮލުގައި އަނދުން އެލުވުމަށް ދައްކަވާ މި ވާހަކަތަކުން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ތަސްމީން އަދި ވިދާޅުވެފައި ވަނީ، ރައްޔިތުން މިއަދު ގޮވަމުންދަނީ ސަރުކާރު ޒިންމާދާރުވުމަށާއި ޤާނޫނު އަސާސީ އަށާއި ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށްކަމަށެވެ. އަދި ވަކި މީހަކަށް ވަކިގޮތެއް ހެދުމުގެ ނާތަހުޒީބު ސިޔާސަތު ހުއްޓާލައި ހަމަހަމަކަމަށް ޖާގަދިނުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސި ޚިދުމަތްތަކުގެ ފެންވަރު ދައްވިޔަ ނުދިނުމަށާއި ގުޅުންހުރި ކަންތައްތަކުގައި ރައްޔިތުންގެ މަޝްވަރާހޯދައި އެކަމުގެ ބޭނުން ހިފުމަށް ވެސް ރައްޔިތުން ގޮވާލަމުންދާ ކަމަށާއި، އެކަންތައްތަކަށް އިޖާބަ ނުދިނުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ސަރުކާރު ބޭޒާރުވެ ތާއީދު ގެއްލި ފަނޑުވަމުންދާ ކަމަށް ވެސް ތަސްމީނު ވިދާޅުވެފައިވެ އެވެ.
އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިސްނޭތީވެ، އެ އިންތިޚާބު ލަސްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ނިމިދިޔަ ފެންނަ ނުފެންނަ ވޯޓަކީ ވެސް ރައްޔަތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ބޭކާރުވި، އެފަދަ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެ އެވެ.