20 Mar 2013, 16:42
މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ދިވެހި ބަހުގެ އެކަޑެމީ ހިންގާ ސޯސަންގޭ އިމާރާތުގެ ތެރެއަށް ފެން ވަދެ އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ސޯސަން މަގުގައި ހުންނަ ސޯސަންގޭ އިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލްތައް ސަންއާ ހިއްސާކުރައްވަމުން ދިވެހި އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން އިމާރާތުގެ ދިޔަ ދޮވިތައް ފަޅައިގެން ގޮސް އިމާރާތުގެ އެތެރެއަށް ފެން ވަނުމުގެ ސަބަބުން ގިނަ ކޮމްޕިއުޓަރުތަކާއި ޗާޕު ކުރާ މެސެންތަކުގެ އިތުރުން ތަނުގެ ވަރަށް ގިނަ ފުރޭފުތައް ހަލާކު ވެފައި ވާ ކަމަށެވެ. އަދި އިމާރާތުން ކަރަންޓު ކެނޑިފައި ވާ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ. "ވަރަށް ބޯކޮށް ވިއްސާރާ ވެހުމުން އިމާރާތުގެ ދިއަދޮވިތައް ފަޅައިގެން ގޮސް އިމާރާތުގެ އެތެރެއަށް ވަނީ ފެންވަދެފައި. ހުރިހާ ކޮންޕިއުޓަރެއް ވެސް ވަނީ ހަލާކުވެފައި. ތަނުގެ ބައެއް މުހިންމު ލިޔެކިއުންތައް ވެސް ވަނީ މުޅިން ހަލާކުވެފައި" އަޝްރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލުތައް އެޑިއުކޭޝަން މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީހަށް ވެސް މިހާރު ހުށަހަޅާފައި ވާނޭ ކަމަށެވެ. ޖުމްލަ 25 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ދިވެހި ބަހުގެ އެކަޑެމީ ވަގުތީ ގޮތުން ސޯސަންގޭގައި ހިންގަމުން އަންނަ އިރު، އެ އެކަޑެމީގެ ފަރާތުން އާ އިމާރާތެއް ހޯދުމަށް ހުސްވި އަހަރުން ފެށިގެން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެހެންނަމަވެސް އެ އެކަޑެމީގެ ރައީސް އަޝްރަފް ވިދާޅުވީ އާއިމާރާތެއް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށާއި އެގޮތުގެ މަތިން ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ވުޒާރާތަކަށް ސިޓީ ލައިފައި ވާނެ ކަމަށެވެ.