ދަރިންގެ ހަރަދުގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ހަމަ ޖެހިފައިވާ 450ރ. ކުޑަ ކަމަށް ފާހަގަ ކުރެފައިވިގެން އެ ފައިސާ 1000ރ. އަށް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން އާއިލާއާ ބެހޭ ގަވާއިދަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ރިޕޯޓަށް ބަހުސްކޮށް ނިންމައިލައިފި އެވެ. ދެން އޮންނަ ޖަލްސާއެއްގައި ކޮމެޓީން ހުށަހެޅި ރިޕޯޓަށް މަޖިލީހުން ފާސް ކުރުމާމެދު ވޯޓް ނަގާނެ އެވެ.

ގަވާއިދު ކޮމެޓީން ފާސްކޮށް، އާއިލާއާ ބެހޭ ގަވައިދުގެ 65 ވަނަ މާއްދާއަށް ގެންނަން ފެންނަ ކަމަށް ފާސް ކުރި އިސްލާހުގައި ބުނަނީ ގިނަ ދަރިން ތިބޭ ކަމަށްވާނަމަ ކޮންމެ ކުއްޖަކު އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދުގެ ގޮތުގައި ބައްޕަގެ ފަރާތުން ނަގައި ދެވޭނީ މަދުވެގެން މަހަކު 1000ރ. ކަމަށެވެ. ނަމަވެސް އެންމެ ކުއްޖަކު ހުންނަނަމަ އެ ކުއްޖާއަށް 18 އަހަރު ފުރެންދެން 2000ރ. މަހަކު ހަރަދުގެ ގޮތުގައި ނަގައިދޭން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ.

އާއިލާއާ ބެހޭ ގަވާއިދުގެ 63 މާއްދާއަށް ގެނައި އިސްލާހުގައި ބުނަނީ ވަރިކޮށްފައި އިންނަ އަންހެނާގެ އިއްދަ ހަމަވަންދެން އިއްދައިގެ ހަރަދަށް މަދުވެގެން މަހަކު 2000ރ. ދޭންޖެހޭނެ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހު އާއިލާއާ ބެހޭ ގަވާއިދަށް ގެންނަން ފެންނަ ކަމަށް ގައިވާއިދު ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު އިއްވެވީ އެ ކޮމެޓީގެ މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދެވެ. އަދި މަޖިލީހަށް އިއްވެވި ރިޕޯޓަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު އިސްލާހެއް ހުށަހެޅުއްވި އެވެ. އެ އިސްލާހުގައި ބުނަނީ އަންހެނާ އިއްދައި ހަމަވަންދެން ކޮންމެ މަހަކު 2000ރ. ހަރަދުގެ ގޮތުގައި ވަރިކުރި ފިރިމީހާ ދޭންޖެހޭނެ ކަމަށެވެ.

ކޮމެޓީން ހުށަހެޅި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. އަދި މިއަދު ވަނީ އެ ރިޕޯޓަށް ބަހުސްކޮށް ނިންމަވާލައްވާފަ އެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސް ކުރުމާއެމެދު ވޯޓަކަށް އަހާނެ އެވެ.

އާއިލާއާ ބެހޭ ގަވާއިދަށް އިސްލާހު ހުށަހަޅަން ޖެހުނު ސަބަބު ބަޔާންކޮށް ރޮޒައިނާ ވިދާޅުވެފައި ވަނީ އާއިލާއާ ބެހޭ ގަވާއިދު އެންމެ ފަހުން އިސްލާހުކޮށްފައި ވަނީ 2006 އަހަރުގައި ކަމަށާއި ނަމަވެސް މިހާރު އޭގެ ފަހުން ހަ އަހަރު ފާއިތުވެފައިވުމުން ތަކެތީގެ އަގަށް ބޮޑު ބަދަލުތަކެއް އައިސްފައިވުމުން އާއިލާއާ ބެހޭ ގަވާއިދަށް އިސްލާހު ގެންނަންޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.