ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ބައްޓަންކޮށްފައި ވަނީ ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ކަމަށް ނޫސްވެރިން ބުނެފައި ވަނިކޮށް، މަސްދަރު ހާމަކުރަން ނުޖެހޭ ގޮތަށް އެމްޑީޕީ އިން އެ ގާނޫނަށް އިސްލާހު ހުށަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވީ އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް މަސްދަރު ހާމަ ނުކުރުމަށް ލިބިދޭ ރައްކާތެރިކަން އެ ގާނޫނުން ގެއްލޭތީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

އިބޫ ވިދާޅުވީ އިމްތިޔާޒުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވާނީ، އެ ގާނޫނުގެ 17 ވަނަ މާއްދާ އާއި އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ނޫސްވެރިން އިސްތިސްނާކޮށްފައި ކަމަށެވެ.

އިމްތިޔާޒުގެ ގާނޫނުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތުގެ މަސްދަރު ހިމާޔަތް ކުރުމަށް ހުރަސްތަކެއް އެޅި، ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލިދާ ނެތީ މޯލްޑިވްސް ޖާނަލިސްޓް އޭސޯސިއޭޝަން (އެމްޖޭއޭ) އިން އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވަނީ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެމްޖޭއޭ އިން ބުނީ އެ މައްސަލަ އެ ޖަމިއްޔާގެ ފަރާތުން ހައިކޯޓަށް ހުށައަޅަފައިވާ އިރު އެ ޖަމިއްޔާގެ ފަރާތުން އެކޯޓުގައި ތަމްސީލު ކުރާނީ ސުއޫދު އަންވަރު އެލްއެލްފީ ކަމަށެވެ. އަދި ލޯ އެފާމްގެ ފަރާތުން ލޯޔަރުންގެ ގޮތުގައި ވަކާލާތު ކުރައްވާނީ، ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި އިސްމާއިލް ވިޝާމް ކަމަށެވެ. އަދި އަލީ ހުސައިން ވެސް ވަކާލާތު ކުރައްވާނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށައެޅީ އެ ގާނޫނުގެ 17 ވަނަ މާއްދާގައި "ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކަށް ހަޒީރުވެ އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހެކިބަސް ދިނުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށައެޅުމަށް އެންގުމުގެ" ބާރު މަޖިލީހަށް ލިބިދޭ އިރު އެކަމުގައި ނޫސްވެރިން އިސްތިސްނާ ނުވާތީ އެއީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާ ހިލާފު މާއްދާއަކަށް ވާތީ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކުރާ ސުވާލުތަކަށް ޖަވާބު ދާރީ ނުވާ ފަރާތްތަކާ މެދު މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި ފަރާތެއް ކަމަށް ބަލައި އެ ކަމަކީ ޖިނާއީ ކުށެއް ކަމުގައި ބަލައި އަދަބު ދެވޭއިރު އެއީ ވެސް ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ކަމުންނާއި ގާނޫނު އަސާސީގެ 53 ވަނަ މާއްދާ އިން ލިބިދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ނ)ގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގާމެދު ތައާރުޒު ވާތީ ކަމަށެވެ.

އެމްޖޭއޭ އިން ކުރިން ބުނެފައި ވަނީ މަޖިލީހުގެ ކޮމެޓީތަކަށް ނޫސްވެރިން އިސްތިސްނާއެއް ނެތި ހާޒިރުކޮށް އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ ބޭނުންވާ މައުލޫމާތެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމަކީ ނޫސްވެރިކަމަށް ގާނޫނު އަސާސީން ދީފައިވާ ސޭފްގާޑްތައް ނައްތާލުން ކަމަށެވެ.

އެމްޖެއޭގެ ފަރާތުން އިމްތިޔާޒްގެ ބިލުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާ އިރު ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަނީ އެ މައްސަލަގައި ސުޕުރީމް ކޯޓަށް ވައްދައިފަ އެވެ. އަދި އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ތަދައްހުލްވެފަ އެވެ.