20 Mar 2013, 15:37
ދިހަ އަހަރާއި ފަނަރަ އަހަރުގެ މުއްދަތަކަށް އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ އެކު ހުންނާން ބޭނުން ވާ ކަމަށް އެ ކްލަބުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
އުމުރުން 43 އަހަރުގެ ކޯޗު ކޮންޓޭ ވަނީ މިދިޔަ ހަފްތާގައި އިޓަލީ ދޫކޮށް ދާން ބޭނުން ވާ ކަން ހާމަކޮށްފައެވެ. އޭރު ކޮންޓޭ ބުނީ، އިޓަލީއިން ރަނގަޅު އިހްތިރާމެއް ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ. ނަމަވެސް ކޮންޓޭ މިހާރު ބުނާގޮތުގައި، އޭނާ ޔުވެންޓަސްގައި ހުރީ އުފަލާ އެކު ކަމަށާއި ދިގު މުއްދަތެއްގައި އެކްލަބުގެ ކޯޗުކަމުގައި ދެމިހުންނާން ބޭނުންވާ ކަމަށެވެ.
"ދިހަ އަހަރާއި ފަނަރަ އަހަރުގެ މުއްދަތަކަށް ޔުވެންޓަސްގެ ކޯޗުކަމުގައި ހުންނަން ބޭނުން. އެއަށްފަހު، އަހަރެން އެހެން މަންޒިލަކުން ފެނިދާނެ. އަހަރެން އުންމީދުކުރަނީ އަދި ވަރަށް ދުވަސް އޮންނާނެކަމަށް. މިދިޔަ ސީޒަންގައި އަހަރެމެން އިޓަލީ ލީގު ކާމިޔާބުކުރިން. އަދި މިސީޒަންގައި ވެސް ބޭނުންވަނީ އެކަން ތަކުރާރުކުރަން. ހަމައެއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ވެސް އަހަރެމެން ދެކެމުންދާ ހުވަފެނެއް." ޔުވެންޓަސްގެ ކޯޗު ކޮންޓޭ ބުންޏެވެ.
ކޮންޓޭ އިތުރަށް ބުނިގޮތުގައި، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ފަދަ ކާމިޔާބީ ކޯޗަކަށް ވާން ބޭނުންވާ ކަމަށެވެ. "މިހާރަކަށް އައިސް އަހަރެންނާއި ފާގަސަންގެ ވާހަކަތައް ވަރަށް ގިނައިން ދެކެވޭ. ނަމަވެސް ފާގަސަންއާ އެއް ފެންވަރަކަށް އަދި އަހަރެންނަކަށް ނޭރޭ. އެކަމަކު ފާގަސަން ފަދަ މޮޅު ކޯޗަކަށް ވެވޭތޯ އަހަރެން ބަލާނަން." ކޮންޓޭ ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި މިޑްފީލްޑަރެއްގެ މަގާމެއް ޔުވެންޓަސްގައި ފުރި ކޮންޓޭ ވަނީ އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ކޯޗެއްގެ ގޮތުގައި ކޮންޓޭ މަޝްހޫރު ވެގެންދިޔައީ 2011 ވަނަ އަހަރު ޔުވެންޓަސްއާއި ގުޅުމަށްފަހު އެވެ. ކޮންޓޭ ވަނީ މިދިޔަ ސީޒަންގެ އިޓާލިއަން ސެރީއާގެ ޗެމްޕިއަން ކަމާއި މިދިޔަ އަހަރުގެ ސުޕަކޮޕާ އިޓަލިއާނާގެ ޗެމްޕިއަންކަމުގެ އިތުރުން މިދިޔަ ސީޒަންގެ ކޮޕާ އިޓަލިއާގެ ޗެމްޕިއަންކަން ޔުވެންޓަސް އަށް ހޯދައިދީފަ އެވެ.