20 Mar 2013, 14:40
ވެސްޓްޕާކް ރެސްޓޯރެންޓް ކުރިމަތީގައި ހުއްޓާ މ. ފެއަރީކޯނަ އަލީ ޝިފާނަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ހަ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ފަސް ހެކީން ހުށަހަޅާފައިވާއިރު ހާދިސާއާ ގުޅޭގޮތުން ތަހުގީގު މަރުހަލާގައި އާއި ޝަރީއަތުގެ މަރުހަލާގަ ވެސް އެމީހުން ދީފައިވާ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީ އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާން އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ މައްޗަށެވެ.
އެ މައްސަލައަކީ ގަސްތުގައި މީހަކު މަރަލި މައްސަލައަކަށް ވާއިރު ހެކީންގެ ހެކިބަސް މިނިކިރާ ވަޒަން ކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ މީހުންގެ ތެރެއިން ޝައިފަންގެ ޑީއެންއޭ އަލީ ޝިފަންގެ ޑީއެންއޭ އާ ދިމާވެފައިވާކަމަށާއި އެއީ އޭނާގެ މައްޗަށް ލިބިފައިވާ ހަރުދަނާ ގަރީނާއެއް ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ. ނަމަވެސް ހަމައެކަނި ގަރީނާއެއްގެ މައްޗަށް ބިނާކޮށް އެފަދަ މައްސަލައެއް ސާބިތު ނުކުރެވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
".....ޝުބުހައެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް ބައެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުކުރެވިދާނެ ކަމަށް ޝަރީއަތަށް ނުފެންނާތީ، ދައުލަތުން މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާން އާއި މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީ ގެ މައްޗަށް ކުޅަ ގަސްތުގައި މީހަކު މަރާލުމުގެ ކުށް މި ހަ މީހުންގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.