އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ކުރި ތަހުގީގަކަށް ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް އާނިޔާ އަބުދުލްޣަފޫރު. މއ. ލެއްގި، ދޮގު ހެކި ދީފައި ވާކަމަށާއި އެކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން އިއްޔެގެ ތާރީހުގައި ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަކަށް ބޭނުންވާ ބަޔާނެއް ކަމަށް ބުނެ ސުޕްރީމްކޯޓްގެ މުވައްޒަފަކު ލައްވާ ބަޔާނެއް ނަގަން މަސައްކަތް ކޮށްފައިވާތީ އާއި ބަޔާން ނުދީފި ނަމަ ވަޒީފާ އިން ކަނޑާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލައެއް އެކޮމިޝަނުން ބެލި ކަމަށެވެ.
އަދި ބުނީ ދޮގު ހެކި ދިން ކަމުގެ ދައުވާ އުފުލައި ދިނުމަށް އެދި އާނިޔާގެ މައްސަލަ ޕްރޮަސެކިއުޓަ ޖެނެރަލް ( ޕީޖީ)ގެ އޮފީހަށް ފޮނުވީ އޭނާ އެގޮތަށް ކަންތައް ކުރީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ދެވެރިއަކު ބުނެގެން ކަމަށް ބުނެ އޭސީސީ އަށް ބަޔާން ދީފައިވާ އިރު އެދެފަރާތުން އެކަމަށް އިންކާރު ކުރާތީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވިގެން ކަމަށެވެ.

ސުޕްރީމްކޯޓްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އާނިޔާ އައްޔަން ކުރުމާ ގުޅޭ ގޮތުން އޭސީސީ އަށް ހުށައެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެ މައްސަލައާ ގުޅޭ ގޮތުން ބަޔާންދޭން ސުޕްރީމް ކޯޓްގެ މުވައްޒަފަކަށް ބިރުދައްކައި ކޮމިޝަނުން އަންގައިގެން ކަމަށް ބުނެ ބަޔާން ނެގުމަށް މަސައްކަތް ކޮށްފައި ވާތީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ވެސް އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.