އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ވާނީ ދިވެހި ސަރުކާރު އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުން ކަމަށާއި ސަރުކާރުގެ ބާރު ނޯންނަ ގޮތަކަށް އެއާޕޯޓްގެ އެއްވެސް އެއްޗެއް ކުއްޔަންދީގެން ނުވާނެ ކަމަށް ބަޔަނާކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ހުޅުލޭގައި އޮންނަ ދިވެހި ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމާޔަތްކުރުމުގެ ބިލުގެ ނަމުގައި ބިލެއް މަޖިލީހަށް މިއަދު ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. އެ ބިލް އޭނާ މަޖިލީހަށް ވެއްދީ އިންޑީއާގެ ޖީއެމްއާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން ގެންދިޔަ ދުވަސްވަރުގަ އެވެ.

ނަމަވެސް މިއަދު އެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އެ ބިލުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކަކީ ވެސް ދިވެހި އަޣުލަބިއްޔަތު އޮންނަ ކުންފުނިތަކުން ހިންގާ އެއާޕޯޓްތަކަށް ހެދުން ކަމަށެވެ. ދިވެހިރާއްޖޭގެ އިގްތިސާދީ ދޮރޯށި އަބަދު ވެސް އޮންނަންވާނީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރު ބައެއްގެ އަތް ދަށަށް އެއާޕޯޓު ގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހިގެ މިނިވަންކަމާއި ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނީ ދިވެހި ކުންފުނިތަކުން އެއާޕޯޓް ހިންގުމުން ކަމަށް އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.

ބިލުގެ ފަސް ވަނަ މާއްދާގައި ބުނެފައި ވަނީ އެއާޕޯޓްގެ މުވައްޒިފުންގެ 65 ޕަސެންޓަކީ ދިވެހިން ކަމުގައިވާން ޖެހޭނެ ކަމަށާއި އެއާޕޯޓް ހިންގަމުން ދަނީ ގާނޫނާއި ގަވާއިދާއެއްގޮތަށްތޯ ޓްރާސްޕޯޓް މިނިސްޓްރީން ބަލަންޖެހޭނެ ކަމަށެވެ. އަދި އަހަރަކު އެއްފަހަރު އެއާޕޯޓްގެ އޮޑިޓެއްކޮށް ކަމާބެހޭ މިނިސްޓްރީތަކަށް ރިޕޯޓް ފޮނުވަންޖެހޭ ގޮތަށް އޮޑިޓާ ޖެނަރަލްގެ މައްޗަށް ޗާޖިބުކޮށްފައިވެ އެވެ.