ވަގު ނޫޓު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެގެން ށ.ފޯކައިދޫ ކައުންސިލްގެ މެމްބަރަކު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ށ. ފޯކައިދޫ މުޝްތަރީގޭ އަހްމަދު އަންވަރުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ލިބުނު މައުލޫމާތު ފުލުހުން ގޮސް އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު އޭނާގެ ޖީބުގައި އޮތް ވޮލެޓެއްގެ ތެރެއިން 50ރ.ގެ 24 ވަގު ނޫޓާއި 100ރ.ގެ ހަތަރު ނޫޓް ފެނިފައިވާ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

އެ ވޮލެޓަކީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނި ނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ފޯކައިދޫ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންވަރުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާ ބެހޭ ލިޔެކިޔުންތައް އެ ކައުންސިލަށް އަދި ލިބިފައިނުވާ ކަމަށާއި އެނާ މިހާރު ވެސް ހުންނެވީ އެކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކޯޓުގެ ލިޔުންތައް ލިބުމުން އަންވަރުގެ މަގާމާ މެދު ގޮތެއް ނިންމުމަށް ލޯކަލް ގަވާންމަންޓް އޮތޯރިޓީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.