ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ހ. އޯލްވޭޒްހެޕީހައުސް އަހްމަދު ރަޝީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާ މަސްތުވަތަކެތީގެ ވިޔަފަރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ހޮޓަލެއްގެ ތެރެއިން އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ ފަޓުލޫނުގެ ވާތްފަރާތު އަރިމަތީ ޖީބުން މަސްތުވާތެކެތި އަޅާފައިވާ ޓޭޕްއޮޅާފައި އޮތް ޕްލާސްޓިކް ދަޅެއް އެއްލާލި ކަމަށް ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އޭގެ އިތުރުން ވެސް އޭނާއާ ހަވަލުކޮށްފައި ހުންނަ ލޮކަރެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި އަށް ޕްލާސްޓިކް ދަޅާއި ރަބަރު ކޮތަޅެއް ފެނުނުކަމަށް ހެކީންގެ ހިކިބަހުން ސާބިތުވާއިރު އެތަކެތި ތަހުލީލު ކުރި އިރު 1152.5116 ގްރާމް ކެނަބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

"ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން ހ. އޯލްވޭޒްހެޕީހައުސް އަހްމަދު ރަޝީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވަތަކެއްޗާ ބެހޭ ގާނޫނުގެ 106 ވަނަ މާއްދަގެ (ނ)ގެ ދަށުން އަހްމަދު ރަޝީދު އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާކޮށް، އެފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އަހްމަދު ރަޝީދަށް އަންގައި، މިގޮތުގެމަތިން ހުކުމް ކޮށް، މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.