20 Mar 2013, 12:49
މެންޗެސްޓާ ޔުނައިޓެޑްގައި ތިން އަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ސްޓޯކް ސިޓީ އަށް ބަދަލުވި އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް މައިކަލް އޮވެން މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާކަމަށް އޭނަ ބުނެފި އެވެ.
ސްޓޯކް ސިޓީއަށް ބަދަލުވި ފަހުން ގިނަ އަނިޔާތަކާ ކުރިމަތިލާން ޖެހުނު އުމުރުން 33 އަހަރުގެ އޮވެންގެ ރަސްމީ ވެބްސައިޓުގައި އިއްޔެ އާންމު ކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ، ފުޓްބޯޅަ ކުޅުމާ ދުރައްދާން ނިންމީ އޭނަގެ ފުޓްބޯޅަ ކެރިޔަރުގައި މިވީހާތަނަށް ހޯދުނު ކާމިޔާބީތަކާމެދު ހިތްހަމަ ޖެހުންތަކެއް ލިބުމާ އެކު ކަމަށާއި ޒުވާން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންނަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. އަދި ފުޓްބޯޅައިގައި އަމިއްލަ ގައުމަށާއި އޭނާ ކުޅުނު ކުލަބްތަކަށް ހޯދަދިން ކާމީތަކުގެ އަސްލަކީ އޭނަގެ އާއިލާ ކަމަށާއި އެކަމަށް ޓަކައި އައިލާ އަށާއި ގާތް ރަހުމަތްތެރިންނަށް ސުކުރުވެރި ވާކަމަށް އޮވެންގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މިސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ އޮވެން ވަނީ އޭނަގެ އަމިއްލަ ގައުމުގެ ގައުމީ ޓީމަށް ކުޅުނު 89 މެޗުގައި 40 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި އޮވެންއަކީ ދުނިޔޭގެ މަސްހޫރު ކުލަބްތައް ކަމުގައިވާ ރެއާލް މެޑްރިޑަށާއި ލިވަޕޫލް އަދި ނިއުކާސަލް ފަދަ މަސްހޫރު ކުލަބްތަކަށް ކުޅެ އެކުލަބްތަކަށް ކާމިޔާބީތައް ހޯދާދުނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.
އުމުރުން 18 އަހަރުގައި އިންގްލޭންޑުގެ ގައުމީ ޓީމުން ޖާގަހޯދައި، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް ޖެހި ގޯލާ އެކު އާމުންގެ ތެރޭގައި މަސްހޫރުވި އޮވެން ވަނީ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ދޭ ބެލޮންޑޯ އެވޯޑް 2001 ވަނަ އަހަރު ހޯދައިފަ އެވެ.