20 Mar 2013, 12:39
ދިވެހިރާއްޖޭގެ މުއާސަލަތީ ކުންފުނި ދިރާގުން އެ ކުންފުނީގެ ދިވެހި ވެބްސައިޓް މިއަދު އިފްތިތާހުކޮށްފި އެވެ.
ދިރާގުގެ މައި އޮފީހުގައި މިއަދު ވެބްސައިޓް އިފްތިތާހުކޮށް ދެއްވީ ދިވެހި ބަހުގެ މުދައްރިސް އަދި އުސްތާޒު ޢަބްދުﷲ ޞާދިގު (ސޯދުބެ) އެވެ. ވެބްސައިޓް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށް ފަހު ސޯދުބެ ވިދާޅުވީ ޓެކްނޮލޮޖީ ދިވެހިބަހުން ދިރާގުގެ ހިދްމަތްތަކުގެ މައުލޫމާތު ލިބޭނޭ މިފަދަ ނިޒާމެއް ގާއިމްވެގެން ދިއުމުގެ ސަބަބުން ދިރާގުގެ ހިދްމަތްތައް ބޭނުން ކުރައްވާ ފަރާތްތަކާއި ދިރާގާ ދެމެދު ވަރުގަދަ އަދި ބަދަހި ގުޅުމެއް އުފެދިގެން ދާނޭ ކަމަށެވެ.
"މިއަދަކީ ދިރާގުގެ ކަސްޓަމަރުންނަށް އަދި ހާއްސަކޮށް ދިވެހި ބަހަށް ލޯބިކުރަށްވާ ކަސްޓަމަރުންނަށް ވަރަށް އުފާވެރި ދުވަހެއް. ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ދިވެހި ބަހުން ލިބިވަޑައިގަންނަވާނޭ މަގު މިއަދު މިއޮތީ ވަރަށްބޮޑަށް ފަހިވެފައި. ޝައްކެއް ވެސް ނެތް، މިފުރުސަތު ތަނަވަސްވުމުން ދިރާގާ ދިރާގުގެ ކަސްޓަމަރުންނާ ދެމެދު އިހަށް އޮތް ގުޅުމަށް ވުރެ މާވަރުގަދަ ގުޅުމެއް އޮންނާނެ. އަދި އެގުޅުން މާބަދަހިވެގެން ދާނެ،" ސޯދުބެ ވިދާޅުވި އެވެ.
ސޯދުބެ ވިދާޅުވި ގޮތުގައި ދިރާގުގެ ހިދުމަތްތައް ހަލުއިކަމާ އެކު ތަރަށްގީވަމުން އަންނަ އިރު ދިރާގުންދޭ ހިދްމަތްތަކުގެ ތެރޭގައި މޯބައިލްފޯނުން ފޮނުވާ މެސެޖްތައް ދިވެހިބަހުން "ތާނައިން" ފޮނުވައި އަދި ފޯނުތަކަށް ލިބޭނޭ ދުވަހެއް ފެނުމަކީ ސޯދުބެ ވަރަށް އުއްމީދު ކުރާ ކަމެއް ކަމަށެވެ.
ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަށްވަމުން އަންނަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހައިން ކުންފުނީގެ ހިދްމަތްތައް ލިބޭނޭ މަގުތަނަވަސް ކޮށްދެއްވަން ކަމަށާއި އެގޮތުން ހުސްވި އަހަރުގެ އޯގަސްޓް މަހު ކަސްޓަމަރުންގެ ވަރަށް ގިނަ ހިޔާލުތަކާ އެކު ދިރާގުގެ އާވެބްސައިޓެއް ތަފާތު ހިދުމަތްތަކަކާ އެކު އިފްތިތާހުކުރުމާ އެކު ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތަކެއް ލިބިގެން ދިޔަ ކަމަށެވެ.
"ކަސްޓަމަރުން ދެއްވާ މައުލޫމާތަށް ބަލައިގެން އަޅުގަނޑުމެން އަބަދުވެސް މިގެންދަނީ ދިރާގުގެ ކަންތައްތައް ރަނގަޅުކުރެވޭތޯ ބަލަމުން. އެގޮތުން ވެބްސައިޓަކީ ވެސް ހަމަ އެގޮތަށް ބައްޓަން ކުރެވެމުންދާ އެއްޗެއް،" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.
އިސްމާއީލް އިތުރަށް ވިދާޅުވީ ދިރާގަކީ ދިވެހި ކުންފުންޏަކަށްވާ އިރު އެ ކުންފުނިންދޭ ހިދުމަތްތަކަކީ ވީހާ ވެސް ބޮޑަށް ދިވެހިބަހުން ލިބިދޭ ހިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމަކީ އެ ކުންފުނީގެ ވަރަށްބޮޑު އަމާޒެއް ކަމަށެވެ. އަދި ހަމަ އެހެންމެ ދިވެހިބަހުން މިފަދަ ފުރިހަމަ ކޯޕަރޭޓް ވެބްސައިޓެއް ނިންމައި އިފްތިތާހުވެގެން ދިއުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ވެބްސައިޓް ދިވެހިބަހަށް ބަދަލުކުރުމުގެ މަޝްރޫއުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އެކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަދު މި އިފްތިތާހު ކުރި ވެބްސައިޓަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނޭ ވަސީލަތެއް ކަމަށެވެ. އަދި އެކުންފުނީގެ ދިވެހި ވެބްސައިޓް ފަރުމާކޮށްފައި ވަނީ އެ ކުންފުނީގެ އިނގިރޭސި ވެބްސައިޓްގައި ހިމަނާފައި ހުރި ހުރިހާ ބައިތަކެއް އެކުލެވިގެން ކަމަށާއި އަދި އިނގިރޭސި ވެބްސައިޓުން ލިބެންހުންނަ ހުރިހާ މައުލޫމާތުތަކެއް ދިވެހި ވެބްސައިޓުން ވެސް ލިބެން ހުންނާނޭ ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި ކައިރި މުސްތަގުބަލެއްގައި އެ ކުންފުނީގެ އެކިއެކި ހިދްމަތްތަކަށް އެދި ހުށަހަޅަން ޖެހޭ ފޯމުތައް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނޭ ގޮތް ތައާރަފް ކުރަށްވާނޭ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި މިއަދު އިފްތިތާހުކުރި ވެބްސައިޓް އިތުރަށް ތަރަށްގީކޮށް ކަސްޓަމަރުން ބޭނުންފުޅުވާނޭ ގޮތަށް ހިދުމަތްތައް ބައްޓަން ކުރައްވާނެ ކަމަށެވެ.