އއ. އުކުޅަހު ސްކޫލްގައި ކިޔަވަމުން ގެންދިޔަ އަންހެން ދަރިވަރުންތަކަކަށް "ޖިންނި މޮޔަވުމުގެ" މައްސަލަ ދިމާވެގެން ކަމަށް ބުނެ ދެ ދުވަސް ވަންދެން ކިޔެވުން ބަންދުކުރި އުކުޅަހު ސްކޫލްގެ ކިޔެވުން އަލުން ފަށައިފި އެވެ.

އުކުޅަހު ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ފިރާގު މިއަދު ވިދާޅުވީ އެ ސްކޫލްގެ ގްރޭޑް8ގެ ދަރިވަރުންތަކަކަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ބެލެވޭތީ ސްކޫލްގެ ކިޔެވުން އިއްޔެ އަލުން ފަށައިފައިވާ ކަމަށެވެ. ކިޔެވުން ފެށި ނަމަވެސް ސްކޫލަށް ފަންޑިތަ ހަދާފައިވާ ކަމަށް ބުނާ މައްސަލާގައި ފަންޑިތަ ހަދަން ފެށި މީހުންގެ މަސައްކަތް އަދި ހުއްޓާ ނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ހާދިސާ ދިމާވި ކުދިންގެ ތެރެއިން ފަސް ކުދިން ފިޔަވައި އެހެން ހުރިހާ ކުދިން ވެސް އިއްޔެ ސްކޫލަށް ދިޔަ. ފަންޑިތަ ހަދާ މީހުންގެ މަސައްކަތް އަދިވެސް މުޅިން ހުއްޓައެއް ނުލާ، ވަކި މުއްދަތެއް ވަންދެން އަދި ވެސް އެމީހުން ގެންދަނީ [އެކަން ކުރަމުން]، އެގޮތުން ރޭ ވެސް ވަނީ ކިޔަވާފައި ސްކޫލަށް ފެންޖަހާފައި،" ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ސްކޫލްގެ ދަރިވަރުންނަށް ދިމާވި އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ވަފުދެއް އެރަށަށް ގޮސްފައިވާ ކަމަށާއި އެ ހާދިސާގެ ސަބަބުން ނަފްސާނީ ބިރުވެރިކަން އުފެދުނު ކުދިންނަށް ކައުންސެލިންދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޒިޔާދު މިއަދު ވިދާޅުވީ އެ ހާދިސާގައި ބޮޑަށް އުނދަގޫވި ކުދިންނަށް އަދިވެސް ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ދިމާވަމުންދާތީ އިއްޔެ އާއި މިއަދު ވެސް ސްކޫލަށް ނުކުމެފައިނުވާ ކަމަށާއި އެހެން ކުދިންގެ ސްކޫލަށް ނުކުތް ކަމަށެވެ.

"ބައެއް ކުދިންނަށް އަދިވެސް ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ވާ ކަމަށް ބުނަނީ، ސްކޫލަށް ނުކުތް ކުދިން ވަރަށް ރަނގަޅު،" ޒިޔާޒު ވިދާޅުވި އެވެ.

އުކުޅަހު ސްކޫލަށް ދިމާވި މައްސަލައަކީ އެ ރަށު ސްކޫލަށް ބަޔަކު ސިހުރު ހަދާފައި ހުރެގެން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް އެކަންތައް ދިމާވި ބައެއް ކުދިން ބުނާ އިރު އަނެއް ބައި ކުދިން ބުނެފައި ވަނީ އެއީ އެރަށު ސްކޫލްގައި ހުރި ކަނީރު ގަހަކަށް ގޯނާ ކޮށްގެން ޖިންނި ބަދަލު ހިފުމަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

އުކުޅަހުގެ ދަރިވަރުންނަށް ދިމާވެގެން އުޅޭ މައްސަލައަކީ "މާސް ހިޒްޓީރިއާ" ކަމަށް ވެދާނެ ކަމަށް ނަފްސާނީ ތަޒުރިބާ ކާރު ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް އެ ކަމުގެ ހަގީގަތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.