20 Mar 2013, 12:28
ގދ. ވާދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
ރޭ ދަންވަރު ވާދޫގައި ހިނގި އެ އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގދ. ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ބުނީ ރޭ 3:45 ހާއިރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 29 އަހަރުގެ ޒުވާނަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ ހޭނާރާ ކަމަށެވެ.
އަދި އޭނަގެ ސިކުނޑިއަށް ގެއްލުންވެ ދަތްދޮޅިންނާއި ލޯ ކައިރިން ޒަހަމްވެފައިވާ ކަމަށް ތިނަދޫ ހޮސްޕިޓަލުން ބުންޏެވެ. އަދި އެ ޒުވާނާގެ ސިކުނޑިއަށް ލިބިފައިހުރި ސީދާ ގެއްލުން އެ ހޮސްޕިޓަލުން ސީޓީ ސްކޭން ނެހެދޭތީ ނޭންގޭ ކަމަށް ވެސް ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބުދުﷲ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއިލާގެ އެދުމުގެ މަތިން ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްކަމުން މިއަދު 11:20 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެއްކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި އެތަނުން ޒަޚަމްވި މީހާގެ ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް އެތަނުގައި ހުރި ގަހެއްގައި ޖެހި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.