ދެހާސް ދިހަ ވަނަ އަހަރު މާފުށީ ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުމެއްގައި ޑީޕީއާރްއެސްގެ ތިން މުވައްޒަފަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ހަ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ މ. ކަދުރުމާގޭ ހޫދު އަބްދުއްރަހީމާއި ގ. އުފުރިޔާ އިސްހަގު ހަލީމާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 786 މައުޖޫދު ރިޔާޒާއި ހ. ސާނީވޭ މުހައްމަދު އަޒުލީނާއި ގ. ދޮންބަގީޗާގޭ އަލީ ރިޟްވާން އުސްމާންގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 618 އަބްދުﷲ މުއާޒު ސައީދުގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އެމީހުންގެ ތެރެއިން އަލީ ރިޟްވާން އުސްމާން ފިޔަވައި އެހެން އެންމެން ހާޒިރުވެފައި ވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ އެ މީހުން މާފުށީ ޖަލުގެ ޔުނިޓް 10ގައި ބައިތިއްބާފައި ވަނިކޮށް 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރޭ 8:15 ހާއިރު އެތަނުން ނުކުމެ ޑީޕީއާރްއެސްގެ ތިން މުވައްޒަފަކު ޔުނިޓް ދޭއްގެ ކޮރިޑޯ މަތީގައި ހިފަހައްޓާފައިވާތީ ކަމަށެވެ.

ދައުވާ އިއްވުމުން އެ މީހުން ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެމީހުން ބުނީ ދައުލަތުން ދައުވާ ކޮށްފައި ވަނީ އެއްވެސް ތަހުގީގެއް ކުރުމެއް ނެތި ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ މީހުން ތަހުގީގަށް ދީފައިވާ ހަނުހުރުމުގެ ބަޔާނެއް ކޯޓަށް ލިބިފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު އަރުވާނެ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަ އަރުވަލުން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.