ރަޝިއާގެ މޮސްކޯގައި ކުރިއަށްދާ އެ ގައުމުގެ ހާއްސަ ޓުރެވަލް އެގްޒެބިޝަނެއް ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް އެކްޒެބިޝަން ޓުރެވަލް އެންޑް ޓޫރިޒަމް (މިޓް)ގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މިއަދުން ފެށިގެން މިއަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރަޝިޔާގެ މޮސްކޯގައި ކުރިއަށްގެންދާ އެ އެގްޒެބިޝަންގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 24 ކުންފުންޏަކުން 44 މީހުން ބައިވެރިވެ އެވެ.

އެމްއެމްޕީއާރްސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރަޝިއާއަކީ މިހާރު ރާއްޖެ އަށް މުހިންމު މާކެޓެއް ކަމަށާއި އެ އެކްޒެބިޝަންގައި ރާއްޖެ އިސްތިހާރުކުރުމަށާއި ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާ ދެމެދު ގުޅުން އުފެއްދުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"މިއެކްޒެބިޝަންގައި ރާއްޖޭގެ ޓުއާ އޮޕަރޭތަރުންނާއި ރިސޯޓްތަކުން ރަޝިއާ ބަހުން ވާހަކަދައްކާ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ގައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ،" މަލީހު ވިދާޅުވި އެވެ.

ރަޝިއާގައި ބާއްވާ ފެއާއެއްގައި ރާއްޖެ އިން ބައިވެރިވެފައިވާ އިރު ރަޝިއާއަކީ މިހާރު ކުރިއަރަމުންއަންނަ މާކެޓެކެވެ. އެގޮތުން މިދިޔަ މަހުވެސް އެގައުމުން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ 25.5 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފަ އެވެ. އެގައުމުން މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 6737 ޓޫރިސްޓުންނެވެ.