20 Mar 2013, 11:33
ގަތަރުގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ އޯގަނައިޒޭޝަން ކަމަށްވާ ކަތާރާ ހޮސްޕިޓަލިޓީއާ އެކު މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ރާއްޖޭން ސޮއިކޮށްފި އެވެ.
ގަތަރުގެ ޒާވްޔާ ނޫހުން ބުނީ ދޯހާގެ ރިޒް ކާލްޓަން ހޮޓަލުގައި އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ލޯންޗްގައި 20 ނުވަތަ 30 މިނެޓުން ދަތުރުކުރެވޭ ހިސާބު ކައިރީގައިވާ ތިން ސަރަހައްދެއްގައި ހޮސްޕިޓަލިޓީ ނުވަތަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގަން ދިވެހި ސަރުކާރުން ފުރުސަތު ދޭނެ އެވެ.
ކަތާރާއާ އެކު ގާއިމްކުރި އެމްއޯޔޫގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށާއި ކަތާރާގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ޝެއިޚު ނަވާފް ބިން ޖާސިމް އަލް ޖަބޫރު އާލް ސާނީ ކަމަށް ނޫހުން ބުންޏެވެ.
"ކަތާރާ ހޮސްޕިޓަލިޓީ އަކީ ގަދަރު ލިބިގެންވާ އިންވެސްޓަރެއް، ރާއްޖޭގައި އެކުންފުނި ހަރަކާތްތެރި ވުމަކީ ކުރިއަރަމުން އަންނަ ރާއްޖޭގެ ޓޫރިޒަމް ޕްރޮފައިލް އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު އަދީބު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
"ރާއްޖޭގެ ރަށްތަކަކީ ބައިނަލް އަގުވާމީ ގޮތުން ފުޅާ ކުރަމުންދާ އަހަރެމެންގެ ޗާޓްގައި އަބަދު ވެސް އޮތް ސްޓްރެޓެޖިކް މަންޒިލެއް، ދެކުނު އޭޝިއާގައި އަހަރެމެން ވުޖޫދުވުމަށް ލިބުނު ފުރުސަތަށް މަރުހަބާ ކިޔަން،" އެއްބައިވުމުގައި ސޮއިކުރެއްވުމަށް ފަހު ނަވާފު ވިދާޅުވެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގަތަރަށް ވަޑައިގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގަ އެވެ.