މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ ދިއްދޫ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ ފުލުހުންގެ މަސައްކަތް ހުއްޓުވި ކަމުގެ ތުހުމަތުގައި ހަތަރު ކައުންސިލަރަކާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފި އެެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހއ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޔޫސުފް ސިރާޖާއި އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ރިޝްވާނާއި ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނައީމާއި ދިއްދޫ ކައުންސިލް މެންބަރު އަހްމަދު ޖަމީލުގެ އިތުރުން ދިއްދޫ ހަޒާރުމާގޭ އަހްމަދު ސިރާޖާއި އެ ރަށު މަލާޒާ ހުސައިން އަފީފާއި އަމާޒު އިބްރާހީމް ޝާހިދުގެ މައްޗަށެވެ.

ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ އެންމެންގެ މައްޗަށް ދައުވާ ކޮށްފަައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 8:15 ހާއިރު ދިއްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ދިއްދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ މަސައްކަތް ހުއްޓުވި ހަރަކާތުގައި އެ އެންމެން ވެސް އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ބާއްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އެ ދުވަހު އެ އެންމެން ވެސް ދައުލަތުން ކުރި ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އެ އެންމެން ދައުވާ އަށް އިންކާރު ކުރުމުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އެންމެންގެ މައްޗަށް ވެސް ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އެވެ.
ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.