ސިޔާސީ ޕާޓީތަކުގެ ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް ހުށަހަޅާ ފޯމްތައް ބަލައި ނުގަންނަ ގޮތަށް އިލެކްޝަންސް ކޮމޮޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ކުރުމުގެ ކުރިން ހުށަހަޅާފައިވާ އެއް ވެސް ފޯމެއް ޕްރޮސެސް ނުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މިހާރު އެ ކޮމިޝަނުން ފައިސާ ދޫނުކޮށް ހުރި ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޫކުރާނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމުމުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނިކުރި ސިޔާސީ ޕާޓީތައް ވަނީ އަލުން އެ ކޮމިޝަންގެ ދަފްތަރުގައި ހިމަނައިފަ އެވެ. އެ ޕާޓީތަކާ ދޭތެރޭ ވެސް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.