މިދިޔަ މަހުގެ 27 ވަނަ ދުވަހު ހޯރަފުށީގައި މަރާލައި އެ ރަށު ފަޅު ގެއެއްގެ ތެރެއަށް އެއްލާފައި އޮއްވައި ފެނުނު އެ ރަށު ސީވިއު، ހުސައިން މަނިކު 61، (ހުސޭނުބޭ) ގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމާލުމުން ތަހުގީގު ޓީމުގެ މެންބަރުންގެ ކަރުގައި ހޯރަފުށީ ރައްޔިތުން މާފަތި އަޅުވައިފި އެވެ.


މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި ތަހުގީގު 16 ދުވަހުގެ ތެރޭގައި ނިންމާލުމަށް ފަހު، ތަހުގީގު ޓީމް ހޯރަފުށިން ފުރަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އެ ޓީމް މިއަދު މާލެ އަންނަ އިރު ހުސޭނުބޭގެ މަރުގެ މައްސަލަގައި ހައްޔަރުކޮށްފައިވާ އޭނާ އަށް ބޮޑުބޭބެ ކިޔާ ހޯރަފުށީ ޅޮހީގޭ، މުހައްމަދު ލަތީފާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމާއި ސޯސަން ވިލާ ނުއުމާން އަބްދުﷲ ވެސް މާލެ ގެންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.


ސަންއެފް އެމް އޮންލައިނަށް ހޯރަފުށިން މައުލޫމާތު ދެއްވި އެ ރަށުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ލަތީފާއި ނުއުމާނާއި އަހުމަދު މާލެ ގެންދިއުމަށް ރަށުގެ ބަނދަރަށް މިއަދު ގެންދަން ހަމަޖައްސާފައި ވަނީ ރަށުގެ އެންމެނަށް ފެންނާނެހެން އެމީހުން ތިބިތަނުން ފެށިގެން ބަނދަރާ ހަމައަށް ހިންގުވާފައިވަ ކަމަށެވެ.


މަތިއުތުރު ޕްރޮވިންސްގެ ކައުންސިލަރު އަލީ ނަސީރު ވިދާޅުވީ ހުސޭނުބޭގެ މަރުގެ ތަހުގީގު ނިންމާލުމަށް ފަހު ތަހުގީގު ޓީމުން ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކޮށް އެ މައުލޫމާތު ދީފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ރަށުގެ 600 އަށް ވުރެ ގިން  މީހުން ބައިވެރިވެ ތަހުގީގު ޓީމުން އެ މަސައްކަތް އަވަހަށް ފުރިހަމައަށް ކޮށް ނިންމާފައިވާތީ ޓީމުގެ ހުރިހާ މެންބަރުންނަށް މާފަތިން މަރުހަބާ ކިޔާފައިވާ ކަމަށެވެ.


"ރައްޔިތުން ބޭނުންވީ މާފަތިން މަރުހަބާ ކިޔަން. ޓީމުގެ ކޮންމެ މެންބަރެއްގެ ކަރުގައި މާފައްޗެއް އެޅުވީ،" އަލީ ނަސީރު ވިދާޅުވި އެވެ. "ރައްޔިތުން އެކަން ބަލައިގަތީ ވަރަށް އުފަލުން. އަދި އެއީ ނަމޫނާ ތަހުގީގެއްގެ ގޮތުގައި،"


އަލީ ނަސީރު ވިދާޅުވީ މަރުގެ ތަހުގީގު ނިންމުމަށް ފަހު ތަހުގީގު ޓީމު ރައްޔިތުންނާ ބައްދަލު ކުރުމަށް ފަހު މަރާބެހޭ ގޮތުން އިތުރު މައުލޫމާތުތަކެއް ދީފައި ނުވާ ކަމަށާއި ޖުމްލަ ގޮތެއްގައި ބުނީ ހުސޭނުބޭ މަރާލާފައި ވަނީ މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުން ކަމަށާއި އެ ހާދިސާގައި އެމީހުން ފޭރިގެންފައިވާ ފައިސާތައް ވެސް ހޯދާފައިވާ ކަމަށެވެ.


"ތަހުގީގު ޓީމުން ބުނީ މިކަމުގައި އިތުރަކަށް ރައްޔިތުނަށް ކިޔައިދޭނެ އެއްޗެއް ނޯނާނޭ. ހުރިހާ ކަމެއްވެސް މިކުރީ ރައްޔިތުންގެ ލޯމަތީގައޭ. މަރާލި ގޮތާއި އެކަން ކުރުމަށް މަސައްކަތް ކުރި ގޮތާއި އޭގެ ފަހުން ކަންތައްތައް ކުރި ހުރިހާ ގޮތެއް އެމީހުން ލައްވާ ތަމްސީލު ކުރުވީ ރައްޔިތުންގެ ލޯމަތީގައޭ،" އަލީ ނަސީރު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ހުސޭނުބޭގެ މަރުގެ ކުރިން ހޯރަފުށީގައި ފިހާރަތައް ފަޅައިލުމާއި މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި ސައިކަލް ރޯކުރުން ފަދަ ހާދިސާތައް ހިނގާފައިވާ ކަމަށާއި އެހުރިހާ ކަމެއް ކޮށްފައި ވަނީ ވެސް  ހުސޭނުބޭ މަރާލި މީހުން ކަމަށް ތަހުގީގުގައި އެ މީހުން އިއުތުރާފުވެފައިވާ ކަމަށެވެ.


ހުސޭނުބޭގެ މަރާ ގުޅިގެން އިތުރު ދެ މީހަކު ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އެ ދެމީހުން ތިބީ ދޫކޮށްލައިފަ އެވެ. ތަހުގީގު ޓީމާ ހަވާލާދީ އަލީ ނަސީރު ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ އެމީހުންގެ މިކަމުގައި ބައިވެރިވާ ކަމުގެ އެއްވެސް ހެއް ނެތުމުން ކަމަށެވެ.


"އެބޭފުޅުން ވިދާޅުވި، އެ ދެ މީހުންގައި ހިފޭނެ ތަނެއް ނެތޭ!" ނަސީރު ވިދާޅުވި އެވެ.


ގިނަ އަނިޔާތަކެއް ކޮށް ހުސޭނުބޭ މަރާލާފައި އޮއްވައި ފެނުމުން،  ފުލުހުންގެ ތަހުގީގު ޓީމެއް ހޯރަފުއްޓަށް ގޮސް އެ ރަށުގައި ތަހުގީގު ފެށުމާ އެކު އެ ހާދިސާއަކީ ވަރަށް ނުބައި، ރަހުމު ކުޑަ ޖަރީމާއެއް ކަމަށާއި އެކަން އެންމެ މަތީ ދަރަޖައިގައި ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުލުހުންނަށް އެންގެވީ ވެސް އެ ދުވަހު އެވެ.