ޅ. ނައިފަރު ކައިރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކަނިފުށި ރިސޯޓްގެ ގޮނޑު ދޮށަށް ލައްގާފައި އޮތް އިންސާނެއްގެ ހަށިގަނޑެއް (ފޮޓޯ) ފެނިއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ކަނިފުށި ފުއްޓަރު ފަރާތަށް ލައްގާފައި އޮއްވައި އިއްޔެ ހަވީރު ފެނުނު ގަބުރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެއީ އަންހެނެއްގެ ގަބުރެއް ކަމަށެވެ. އެ ގަބުރު ރޭ އިރާކޮޅުގެ ވަގުތެއްގައި ނައިފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެނާ ބުންޏެވެ.

އެމީހާ ބުނީ އެ ގަބުރުގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ހަމައަށް ހުރި ނަމަވެސް އެމީހާގެ ގައިން ވަރަށް ބޮޑަށް ހަންގަނޑު ނެއްޓިފައިވާ ކަމަށެވެ.

"ފުރަތަމަ އެ ގަބުރު ފެނުނީ މިތަނުގައި އުޅޭ ބިދޭސީއަކަށް. އެއް ދުވަސް ކުރިން އެމީހާ އަށް އެ ގަބުރު ފެނިގެން އެމީހާއާ އެކު މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހުންގެ ކައިރީގައި އެ ވާހަކަ ބުނި ކަމަށް ވަނީ. ނަމަވެސް އެމީހުން އެވާހަކަ ގަބޫލެއް ނުކުރޭ. އެހެންވެ ނޭނގިފައި އޮތީ، އޮއްވައި އިއްޔެ އަނެއްކާ އެމީހާ އެ ރަށުގައި އުޅޭ ދިވެއްސެއްގެ ކައިރީގައި ބުނެގެން ގޮސް ބެލި އިރު ގަބުރެއް އޮތް ކަން އެނގުނީ. ބަލާބެލުމަށް އެއީ އަންހެނެއް، އެމީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި. ކަކުލާއި ފޫޅާ ދޭތެރޭގައި ނޫނީ ހަށިގަނޑުން ހަންގަނޑު ގޮސްފައި އޮތީ ވަރަށް ބޮޑަށް." އެ ރަށުގައި މަސައްކަތް ކުރާ ދިވެހި މީހާ ބުންޏެވެ.