20 Mar 2013, 10:02
ބާސްކްޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ އިންޓަ ސްކޫލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލުން ހޯދައިފި އެވެ.
އަންގާރަ ދުވަހު ހަވީރު ކުޅިވަރު އެކުވެނީގެ ބޭރު ކޯޓުގައި ކުޅުނު ވާދަވެރި ފައިނަލް މެޗް މަޖީދިއްޔާއިން ކާމިޔާބު ކޮށްފައިވަނީ ދަރުމަވަންތަ ސްކޫލާ ވާދަކޮށް 11 ޕޮއިންޓު 10 ޕޮއިންޓުން ނެވެ.
އިއްޔެ ހަވީރު ވަނީ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން އަދި ފިރިހެން ކުދިންގެ ފައިނަލު ވެސް ކުޅެފައެވެ. މި އުމުރު ފުރައިގެ ފިރިހެން ކުދިންގެ ފައިނަލުގައި މަޖީދިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ވާދަކޮށް އަށް ޕޮއިންޓް ހަތް ޕޮއިންޓުން މެޗު ކާމިޔާބު ކޮށް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި އެ އުމުރުފުރައިގެ އަންހެން ކުދިންގެ ފައިނަލުގައި ޖަމާލުއްދީނާއި އިސްކަންދަރު ވާދަކުރި ފައިނަލުމެޗު ހަ ޕޮއިންޓު އެއްޕޮއިންޓުން ފަސޭހަކަމާ އެކު ޖަމާލުއްދީން ބަލިކޮށް އެ އުމުރުފުރައިގެ ޗެމްޕިއަން ކަން ހޯދީ އިސްކަންދަރު ސްކޫލެވެ.
ފައިނަލް މެޗުތަކަށްފަހު ވަނަތަކަށް އައި ފަރާތްތަކަށް މެޑެއްޔާއި ހަނދާނީ ލިޔުން ބައްސަވައި ދެއްވީ މޯލްޑިވްސް ހަޔާ އެޑިޔުކޭޝަން ކައުންސިލްގެ މެމްބަރު އިބްރާހީމް ޙަސަން އެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އުމުރުފުރައިގެ އެންމެ އުއްމީދީ ކުޅުންތެރިންނަކީ، ޣިޔާސުއްދީނުގެ ޖީނާ ޝަހުދީއާއި، ކަލާފާނުގެ އައިޝަތު ލައިޝާ އަސްލަމް އާއި، ޖަމާލުއްދީންގެ އިމްތިނާން މުހައްމަދު ޝަކޫރު އާއި އިސްކަންދަރުގެ ހައްވާ މިޝާއިލާ ހަލީމް އެވެ. އަދި އެ އުމުރުފުރައިގެ ފިނިހެން އުންމީދީ ކުޅުންތެރިންނަކީ، ޣިޔާސުއްދީނުގެ އިސްމައިލް ޖައިޝަމް މުހައްމަދު އާއި ކަލާފާނުގެ މުހައްމަދު ނުފައިލް އިސްމާއީލް އާއި ޖަމާލުއްދީނުގެ މުނާ އަހްމަދު ސަމީރު އާއި ދަރުމަވަންތަ ސްކޫލްގެ މުހައްމަދު ރާއިދު ރިޒްވާން އާއި މާޖީދިއްޔާގެ އަލީ އިޔާޒް އާއި އިސްކަންދަރުގެ އިބްރާހީމް ލޫތު އިސްމާއީލް އެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިންނަށް ހޮވުނީ ޣާޒީ ސްކޫލްގެ އިބްރާހީމް އަމީން އާއި ތާޖުއްދީންގެ ހުމައިދު މުހައްމަދު އާއި ޖަމާލުއްދީނުގެ ރަމާހް އިބްރާހީމް އީސާއާއި އިސްކަންދަރުގެ މުހައްމަދު ޔަފާއު އަމްޖަދު އާއި މަޖީދިއްޔާގެ އަހްމަދު މާއިޒް މުހައްމަދު އާއި ދަރުމަވަންތަ ސްކޫލްގެ އަރުހަމް އިބްރާހީމް އާޒިމް އެވެ.