20 Mar 2013, 09:36
ބަޣްދާދު (މާޗް 20): ޢިރާޤުގެ އެކިކަންކޮޅުތަކުގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ސިލްސިލާ ހަމަލާތަކެއްގައި 60 މީހަކު މަރުވެ 120 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަން ޢިރާޤު ސަރުކާރުން ހާމަކޮށްފި އެވެ.
ޢިރާޤު ސަރުކާރުން ބުނީ މިޙަމަލާތައް ދީފައި ވަނީ ބަޣްދާދާއި ބަޣްދާދުގެ ވަށައިގެންވާ ސަރަޙައްދުތަކަށް ކަމުގަ އެވެ. ޙަމަލާތައް ދީފައި ވަނީ އަމިއްލައަށް މަރުވެގެންނާއި ކާރުބޮން ގޮއްވާލައިގެން ކަމަށް ޢިރާގުގެ އަމްނާބެހޭ ފަރާތްތަކުން ބުނެ އެވެ. ޙަމަލާތައް ބޮޑަށްއަމާޒުކޮށްފައި ވަނީ ބަޣްދާދުގައި ޝިޔާޢީން ދިރިއުޅޭ ސަރަޙައްދު ތަކަށެވެ. ހަމަލާތައް އާމާޒުކުރި ތަންތަނުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ބަސް ސްޓޭޝަންތަކާއި ބާޒާރުތަކާއި އާންމުން ގިނަ ތަންތަނަށް ކަމަށްވެ އެވެ.
މިއީ ފާއިތުވި އަށެއްކަ މަސްދުވަހުގެ ތެރޭގައި ޢިރާޤުގައި ހިންގި ބޮންގޮއްވުމުގެ އެންމެ ލޭއޮހޮރުވުންބޮޑު ޙަމަލާތައް ކަމަށް ޚަބަރު ލިބެ އެވެ. އަމިއްލައަށް މަރުވެގެންނާއި ކާރުބޮން ބޭނުންކޮށްގެން މިޙަމަލާތައް ދީފައިމި ވަނީ ޢިރާޤަށް އެމެރިކާ ސިފައިން އަރައިގަތްތާ 10 އަހަރު ފުރުމާ ދިމާކޮށެވެ. ޢިރާޤަށް އެމެރިކާ ސިފައިން އަރައިގަތުމުގައި އެންމެބޮޑަށް އެހީތެރިވެފައި ވަނީ ސައްދާމް ޙުސައިންގެ ވެރިކަމާ އިދިކޮޅު ޢިރާޤުގެ ޝިޔަޢީ ލީޑަރުންނާއި ސައްދާމުގެ ވެރިކަން ވައްޓާލަން ބޭނުންވެފައިތިބި ގަލްފުގެ ޢަރަބި ގައުމުތަކެވެ. މިގެތެރޭގައި ކުވައިތާއި ސައޫދީ އަރަބިޔާ ހިމެނެ އެވެ.
އެމެރިކާ ސިފައިން ޢިރާޤަށް އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ކުވައިތުގެ ބިމެވެ. ޢިރާޤަށް އެމެރިކާ ސިފައިން އަރައި ކުރި ހަނގުރާމައާއި ހިންގި އަނިޔާވެރި އަދި ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައި ވަނީ އިރާޤުގެ ސުންނީންނެވެ. މިގޮތުން އެމެރިކާގެ ސީދާ އަދި ނުސީދާ ޙަމަލާތަކުގައި އިރާޤުގެ ދެލައްކައަށްވުރެ ގިނަމީހުން މަރާލެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެމެރިކާ ސިފައިން ޢިރާޤަށް އަރައިގަތުމާ އެކު އަލްޤާޢިދާގެ ޙާއްޔަކަށް އިރާޤުވަނީ ބަދަލުވެގެން ގޮސްފަ އެވެ. މިގޮތުން އަލްޤާޢިދާއިން ޢިރާޤުގައި ހިންގާ ބޮންގޮއްވުމުގެ ޙަމަލާތަކުގައި ވެސް އެމެރިކާ ސިފައިންގެ އަތްދަށުން ޢިރާޤުގައި މަރާލެވުނު މީހުންނާ އެއް އަދަދަކަށް މީހުން މަރާލެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)