ވޮޝިންޓަން (މާޗް 20): ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކެމިކަލް ހަތިޔާރުގެ ޙަމަލާއެއް ދިން ކަމަށްބުނެ ސޫރިޔާ ސަރުކާރުން ދައްކާ ވާހަކަތަކަކީ ހަޤީޤީ ވާހަކަތަކެއް ނޫން ކަމަށް އެމެރިކާ ސިފަކޮށްފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލޭންޑް ވިދާޅުވީ ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ސޫރިޔާ ސަރުކާރުން އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އަސާސެއްނެތް ތުހުމަތުތަކެއް ކަމަށާއި މިކަމުގެ ބޭނުމަކީ ސޫރިޔާ ސަރުކާރު ސިފައިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ބައިނަލްއަޤްވާމީ މުޖްތަމަޢުންދޭ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުންކަމުގަ އެވެ.

ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ޙަލަބް ކައިރިއަށް އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ހަތިޔާރުގެ ޙަމަލާއެއް ދިން ކަމަށް ބުނެ ސޫރިޔާ ސަރުކާރުން ކުރި ތުހުމަތުތަކަށް އިދިކޮޅު ހަނގުރާމަވެރިން ވަނީ އިންކާރުކޮށްފަ އެވެ. މީގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މިއީ ސޫރިޔާ ސިފައިންގެ ދިން ޙަމަލާއެއް ކަމުގަ އެވެ. ސޫރިޔާ ސަރުކާރުން ފެތުރި މިޚަބަރުތަކާ ގުޅިގެން ކެމިކަލް ހަތިޔާރު ފެތުރުންމަނާކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ އިން ބުނެފައި ވަނީ ސޫރިޔާގެ އެއްވެސް ސަރަޙައްދެއްގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ރެކޯޑް ކުރެވިފައިނުވާ ކަމުގަ އެވެ. އަދި ހަލަބްގެ ކައިރިއަށް ކެމިކަލް ހަތިޔާރުގެ ޙަމަލާއެއް ދިންކަމުގެ މަޢްލޫމާތު މުސްތަޤިއްލު ގޮތެއްގައި ލިބިފައިނުވާ ކަމަށާއި ނަމަވެސް މިކަން ބަލަމުންގެންދާނެ ކަމަށް ކެމިކަލް ހަތިޔާރު ފެތުރުންމަނާކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބުނެފައިވެ އެވެ.

ރަޝިޔާ އިން ބުނެފައި ވަނީ މިދިޔަ އަންގާރަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އެގައުމުގެ ޙަލަބްގެ ކައިރިއަށް ކެމިކަލް ހަތިޔާރުގެ ޙަމަލާއެއްދީފައިވާކަން ރެކޯޑް ކުރެވިފައިވާކަމުގަ އެވެ. ސޫރިޔާގެ ޙަލަބް އަށް ކެމިކަލް ޙަމަލާދިން ކަމަށް ރެކޯޑް ކުރެވިފައި ވަނީ ރަޝިޔާގެ ފަންނީ ވަސީލަތްތަކުގެ އެހީގައިކަން ނޫނީ ސޫރިޔާ ސަރުކާރުން ދީފައިވާ މަޢްލޫމާތުގެ މައްޗަށް ބިނާކޮށްގެންކަން ރަޝިޔާއިން ހާމަކޮށްފައެއްނުވެ އެވެ. ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ޙަލަބް ކައިރިއަށް ދިންކަމަށްބުނެވޭ ކެމިކަލް ހަތިޔާރުގެ ޙަމަލާއާ ގުޅިގެން މީހުން މަރުވިކަން ނުވަތަ ބަޔަކަށް ގެއްލުންލިބުނު ކަމުގެ ރިޕޯޓެއް ފެންމަތިވެފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)