ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުދާނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހުނު ގޮތަށް މަޖިލީހުގެ މެންބަރުން އިސްތިއުފާ ދޭންޖެހޭ ވަރު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ މަޖިލިސް ރައްޔިތުނަށް" މި ނަމުގައި "ގައުމީ ހަރަކާތުން" އާޓްފިޝަލް ބީޗުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ގާނޫނޫ އަސާސީއާ އެއްގޮތަށް މަޖިލިސް ނުހިންގާނަމަ މަޖިލިސް އުވާލައްވާނެ ކަމަށެވެ. "ރައްޔިތުންގެ މަޖިލިސް ގާނޫނު އަސާސީއާ އެއްގޮތަށް ނުހިންގާނަމަ މަޖިލިސް އުވާލާނަމޭ މާތްﷲ އިރާދަ ކުރެއްވިއްޔާ. އެހެން ނޫނީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ގެންދަވާށޭ. އަޅުގަނޑުމެން ބޭނުން އިއްޒަތްތެރި މަޖިލީހަކަށް އެތަން ވާން. އަޅުގަނޑުމެން ބޭނުން ޝަރަފުވެރިތަނަކަށް އެތަން ވާން،"

އޭނާ ވިދާޅުވީ މަޖިލީހާ ބެހޭ ގޮތުން ދައްކާވާ ވާހަކަފުޅަކުން އިމްތިޔާޒުގެ ގާނޫނުގެ ދަށުން ފިޔަވަޅު ނޭޅޭނެ ކަމަށާއި އިމްތިޔާޒު ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށެވެ. އެ ގާނޫނުގެ މާއްދާތަކަކީ އިސްމާލްދީނުގެ އަސްލުތަކާ ހިލާފު ގާނޫނެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ވެސް އެފަދަ ބާތިލް ގާނޫނެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާ ހިލާފަށް ހެދިފައި އޮތް ގާނޫނެއް ބާތިލް ކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިގެންވޭ. އެހެންވީމާ މިހާރު ހެދިގެން މިއުޅޭ ތަސްދީގު ނުކުރައްވައިގެން މުޒާހަރާ ކުރެއްވި އިމްތިޔާޒުގެ ގާނޫނޫނާއި ޕާޓީތަކުގެ ގާނޫނަކީ ބާތިލް ދެ ގާނޫނު. އޭގައި ހުރި ބާތިލް މާއްދާތަކަށް ބިނާކޮށް އެއްވެސް އަމަލެއް ނުކުރެވޭނެ. އިމްތިޔާޒާ ބެހިގެންނޭ ބުނެ ފިޔަވަޅު އަޅުއްވާފާނެތީ އެއްވެސް ކަންބޮޑުވުމެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ހަރަކާތުގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް އިމްތިޔާޒުގެ ގާނޫނުގެ ދަށުން "ޖޫރިމަނާކޮށް، ހުކުމެއްކޮށްލައި ބިރުދައްކާލަށް" މަސައްކަތްކޮށްފާނެ ކަމަށާއި ނަމަވެސް ދިވެހިރައްޔިތުން ނުކުމެ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަޖިލީހާ ދެކޮޅަށް އެއްޗެއް ބުނި ބަޔެއްގެ އަނގަމަތީގައި ޓޭޕް އަޅަން މަޖިލީހުން މަސައްކަތް ކުރަން އުޅޭނަމަ މަޖިލީހަކީ ރާއްޖޭގެ ޓިމޮކްރަސީ "ފުނޑާލާ" ތަނެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރާއްޖޭގެ ދެ ލައްކަ ފަންސާސް ހާސް ރައްޔިތުންގެ އިމްތިޔާޒަށް އަރައިގަތީ އެންމެ 70 ވަރަކަށް މީހުން ކަމަށާއި، އެ ގޮތަށް މުޅި ދިވެހި ރައްޔިތުންގެ އިމްތިޔާޒަށް 70 ވަރަކަށް މީހުން އަރައިގަންނަ ތަން ބަލަން ނުތިބެވޭނެ ކަމަށެވެ.