ލޮލަށް ފެންނަ މަންޒަރުގެ ފުރިހަމަ ކަމުން ހީބިހި ނެގުމަކުން، ފުއްދާލެވޭކަށް ނެތެވެ. ކުއްލި ސިހުން ގެނުވާ މަންޒަރުތަކުން ލޯމަތީގައި އަތް އަޅައިގެން، ލޯ މަރާލިޔަސް ސަލާމަތްވާކަށް ނެތެވެ. ސިނަމާގައި އިށީނދެގެން އިން ގޮނޑީގެ ގުޑުންތަކާއި ކުއްލި ކުއްލިއަށް ޖެހޭ ވައިރޯޅިތަކާއި އިވޭ އަޑުތަކުން ބަލަމުން މިދަނީ ފިލްމެއް ހެނެއް ހިޔެއް ނުވެ އެވެ. ހަގީގަތެކޭ ވެސް ހިތަށް އަރަ އެވެ. ނުވިތާކަށް ފިލްމުން ދައްކާ ސުނޯގެ މަންޒުތަކާއެކު، ސިނަމާގެ ތެރެއަށް ސުނޯ ވެހި، ތަނުގެ ތެރެ ފިނިކޮށްލަދެ އެވެ. ނުރައްކާތެރި ދިރޭތަކެތި ހަމަލާދޭ މަންޒަރުތަކުން މޫނުގައި އެއްޗެއް ޖެހޭ ހެން ވެސް ހީވާނެ އެވެ. އިހްސާސު ވެސް ކުރެވޭނެ އެވެ. މިއީ 7ޑީ ފިލުމަކުން ކުރެވޭނެ ތަޖުރިބާއެވެ. އެއީ 10 ވަރަކަށް މިނިޓްގެ "މަޖާ" ވަގުތުކޮޅެކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި 7ޑީ ސިނަމާ ކަމަށް ވާ އެސްޓްރީމް ސިނަމާ ވަނީ އެންޓަޓައިންމަންޓް ޕްރައިވެޓް ލިމިޑެޓުން ރޭ މާލޭގައި ހުޅުވާފަ އެވެ. ރަށްދެބައިމަގު އުތުރުން ނިމޭ ހިސާބުގައި ކުރީގެ "ބެންޑު ކެފޭ" ހިންގި އިމާރާތުގައި ހިންގާ ސިނަމާއާ އޯޑިއަންސް އަމާޒު ކުރެވިފައި ވަނީ ކުދިބޮޑު އެންމެންނަށެވެ. ކުޑަކުދިންނަށް ބަލާ ހިތްވާ ފަދަ ފިލްމުތައް ދައްކަން ފަށާފައިވާއިރު ކުރިއަށް އޮތްތާނގައި ބޮޑެތި މީހުންނަށް ހާއްސަ 7ޑީ ފިލްމު ދައްކާނެ ކަމަށް ސިނަމާ ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝަފީގު (ޓޮންބެ) ވިދާޅުވި އެވެ.

ޗައިނާއިން ގެނެސްފައިވާ އިކިއުޕްމަންޓުތަކާ އެކު އާމުންނާ ހަމަޔަށް ގެނެސްދިން ސިނަމާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ޓޮންބެ ވިދާޅުވި އެވެ. ސަބަބަކީ އެ ސިނަމާއަކީ މުޅިން އާ ތަޖުރިބާއެއް އާންމުނަށް ގެނެސްދޭ ސިނަމާއަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ހަފްތާގައި ފެސްޓިވަލެއްގެ ގޮތުގައި ސިނަމާގައި ފިލްމުތައް އެޅުވުމަށް ނިންމާފައިވާއިރު ތަފާތު ޕެކޭޖުތަކުގެ ދަށުން ޓިކެޓް ގަނެވޭނެ ކަމަށް ޓޮންބެ ވިދާޅުވި އެވެ. އެގޮތުން ލޭޒާ ޝޯއަކާއި ލުއިކާނާގެ ބާވަތްތައް ލިބޭނެ ފެކޭޖުތަކާއި އާއިލާއެކު ފިލްމު ބަލާލެވޭނެ ފެކޭޖުތަކެއް ވެސް ހަމަޖައްސާފައިވެ އެވެ.

ދިހަ މިނިޓާއި 30 މިނިޓާ ދެމެދުގެ 7ޑީގެ "އިހްސާސު ކުރެވޭ ފިލްމު" ބަލާލުމުގެ އަގުތައް އުޅެނީ 50ރ. އާއި 100ރ. އާ ދެމެދުގައި ކަމަށް 7ޑީ ސިނަމާއިން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި 7ޑީ ސިނަމާގެ ފިލްމުތަކުގެ އިހްސާސްކޮށްލުމުގެ ފުރުސަތު އަތޮޅު ތެރޭގެ ރައްޔިތުންނަށް ލިއްބައިދިނުމުގެ މަސައްކަތް ވެސް އެސްޓްރީމް ސިނަމާ އެންޓަޓައިންމަންޓް ޕްރައިވެޓް ލިމިޑެޓުން ވަނީ ފަށާފަ އެވެ. ދޯންޏެއްގައި ތައްޔާރު ކުރާ މޮބައިލް ސިނަމާ ރަށްރަށަށް ދަތުރު ކުރާނެ އެވެ. އެ ދޯނީގައި ހަދާ ސިނަމާގެ އިތުރުން ކޮފީ ޝޮޕެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދޯނީގައި ތައްޔާރު ކުރާ ކުޑަކުޑަ ތިއޭޓަރެއް. އެ ތިއޭޓަރާ އެކު ދޯނި ދަތުރު ކުރާނީ ރާއްޖެތެރޭގެ ރަށްތަކަށް. އެގޮތުން އެ ރަށެއްގައި ބަލަންތިބި އޯޑިއަންސަށް ރަނގަޅަށް ދައްކައި، ނިމުނީމައި، ދެން އެހެން ރަށަކަށް ދާނީ. އެއީ އަޅުގަނޑުމެން އެ ޕްރޮސެސް ކުރިއަށް ގެންދާނެ ގޮތަކީ،" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝަފީގު (ޓޮންބެ) ވިދާޅުވި އެވެ.

އެ ކުންފުނިން ރޭ ހުޅުވި ސިނަމާއެކު، މުސްތަގުބަލުގައި އިތުރު ސިނަމާތަކެއް ވެސް މާލޭގައި ހުޅުވާނެ ކަމަށް ޓޮންބެ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 180 ޑިގްރީގެ ސްކްރީނައާ އެކު ފިލްމު ބަލާ މީހުން ކުރާ އިޝާރާތުން މަންޒަރު ބަދަލުވާގޮތަށް ފެންނަ ފިލްމުތަކެއް ވެސް ދައްކާނެ ކަމަށެވެ.