20 Mar 2013, 00:34
ރާއްޖޭގެ ފަހުރުވެރި އިގްތިސާދު ވަރަށް އުޖާލާ ކަމަށާއި ރާއްޖޭގެ އިގްތިސާދު މިވަނީ ބަދުނަސީބު ކަމުން މެދުކެނޑިފައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްއެމްއޭ އިން ބޭއްވި "މާލީ ރޭ 2013" ގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ފަޒީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދާއިރާތައް ހަރުދަނާކުރުމަށް ދާދިފަހުން ގިނަ ގަވައިދުތަކެއް ހެދި އެގަވައިދުތަކަށް އަމަލުކުރެވެން ފަށާފައިވާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ވަރަށް އުޖާލާ ކަމަށެވެ. އެގޮތުން ރާއްޖެގެ ފަހުރުވެރި އިގްތިސާދު މިހާރު މިވަނީ ބަދުނަސީބު ވެރިކަމުން މެދުކެނޑިފައި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގައި 2009 ވަނަ އަހަރު ވަނީ ބެންކްތައް ގަވައިދުކުރުމަށް ފަންނީ މިންގަނޑުތަކަކާ އެކު 11 ގަވައިދެއް މިންގަނޑު ކުރެވިފައި، އަދި 2010 ގައި ވަނީ ފުރަތަމަ ފަހަރަށް ބެންކުތަކަށް ހާއްސަ ގާނޫނެއް ހިންގަން ފެށިފައި، އަލަށް ކަންތައް ފަށާއިރު މައްސަލަ ދިމާވާނެ، މިގައުމުގެ ކޮންމެ ދިމާއަކަށް ބެލިޔަސް ވަރަށް ފާޅުކަން ބޮޑުކަން މިކަން ފެނޭ، މާލީ ދާއިރާ ގަވައިދު ކުރުމުގައި ވެސް ހުރި މައްސަލަތައް އެނގުނު ވަރަކުން އެއަށް އެކަށޭނަ މަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުން، އަޅުގަނޑު ކުރިން ދެންނެވި ފަހުރުވެރި ރާއްޖޭގެ އިގްތިސާދީ ދާއިރާ ވަނީ ބަދުނަސީބުން މެދުކެނޑިފައި،" ގަވަރުނަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދާއިރާ ބަދުނަސީބުން މެދުކެނޑިފައިވާއިރު މާލީ ދާއިރާއިން ބަލާއިރު އެއީ ކުދިބޮޑެތި އިންވެސްޓްމެންޓަތަކަށް ފަހި ދާއިރާއެއް ކަމަށެވެ. އަދި ވިދާޅުވީ ކުރިމަގަށް ބަލާއިރު ރާއްޖޭގެ އިގްތިސާދީ ބިންގާ އިތުރަށް ފުޅާކުރަންޖެހޭ ކަމަށާއި އެގޮތުން ޓޫރިޒަމް ދާއިރާއަކީ ހަމައެކަނި ރާއްޖެ އަށް ބޭރުގެ ފައިސާލިބޭ ދާއިރާއަށްވާ އިރު އެދާއިރާ ފިޔަވާ އެހެން ސިނާއަތްތަކަކުން ބޭރު ފައިސާ ލިބޭ ގޮތް އިތުރުކުރަން ޖެހޭ ކަމަށެވެ.
"ފަތުރުވެރިކަމުގެ ދާއިރާ ފިޔަވާ އެހެންދާއިރާއަކުން ނުވަތަ އެހެން ދާއިރާތަކަކުން ބޭރު ފައިސާ ލިބޭ ވަރު އިތުރުކުރަން އެބަޖެހޭ، އެގޮތުން ވިސްނާއިރު ބޭރު ރާއްޖެތަކަށް ހިދުމަތްތައް ދިނުމަކީ އެކަށީގެންވާ ގޮތަކަށް ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން، އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމަކުން ތަރައްގީވެފައިވާ ގައުމަކަށް ދަސްވެނިވުމުގެ އުސްފުންމުމަކަށް ދާއިރު ދެން އޮތް އުސްވުމަކަށް މާލީ ދާއިރާ އިން ގެނެވިދާނެކަމަށް އަޅުގަނޑު ދެކެން،" ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ފަޒީލް ވިދާޅުވީ ގައުމުގެ އިގްތިސާދް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން މާލީ ދާއިރާ ފުޅާކުރުމަށް މާލީ ދާއިރާއަށް އަލަށް ވަންނަ ފަރާތަކަށް އެކަމަށް ބާރުދޭ އިނާޔަތެއް ކޮންމެވެސް މުއްދަތަކަށް ލިބޭނެ ފުރުސަތެއް ދިނުމަށް އެދި މާލީ ވަޒީރަށާއި ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.