ރިޔާސީ އިންތިޚާބުގެ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކަށާއި އާންމުންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހްމަދު ފާޒު ހުސައިން މިރޭ ވިދާޅުވީ ރިޔަސީ އިންތިޚާބުގެ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ސިޓީއާ ފެކްސް އަދި އީމެއިލް މެދުވެރިކޮށް އިސްލާހު ހުށަހެޅުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން ދެކޭ ގޮތުގައި އެ ގަވާއިދަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ސަބަބަކީ އިންތިޚާބުގައި ވޯޓުލާން ތިބިބަޔަކީ ރައްޔިތުން ކަމަށްވާތީ ކަމަށެވެ.

އެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާނީ ސިޔާސީ ޕާޓީތަކާއި ރައްޔިތުން ހުށަހަޅާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.