ގެސްޓް ހައުސްއެއްގެ ގޮތުގައި ހިނގަމުން އަންނަ ތަނެއްގެ ތެރޭގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ހަށި ވިއްކަމުން ދިޔަ ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ ގާތްގަނޑަކަށް 08:30 ހާއިރު ފުލުން ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ދިއްގާމާގޭގައި ހިންގާ ރިލެކްސް އެންޑް ކެންގަރޫ ކިޔާ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަށިވިއްކަމުން ދަނިކޮށް ހައްޔަރު ކުރީ ތައިލެންޑްގެ ދެ އަންހެނަކާއި ދިވެހި ދެ ފިރިހެނަކު ކަމަށެވެ.

އެމީހުން ހައްޔަރު ކުރި ކޮޓަރީގެ ތެރެއިން ބަދުއަޚްލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ މިއަހަރުގެ ތެރޭގައި ފުލުހުން ރެއިޑު ކުރި ދެވަނަ މަސާޖުޕާލާ އެވެ.

މައްޗަންގޯޅީ ޔޫއެން ބިލްޑިން ކައިރީ ހުރި ފައިސާއަށް ހަށިވިއްކަމުން ދިޔަ މަސާޖުޕާލާއެއް ރެއިޑުކޮށް 10 މީހަކު ފުލުހުން ވަނީ މި މަހުގެ 13 ވަނަ ދުވަހު ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ އެ ދެ މަސާޖު ޕާލާތަކުން ހައްޔަރު ކުރި މީހުންގެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.