19 Mar 2013, 16:15
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ޤަޠަރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޤަޠަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް ޙަމަދު ބިން ޖާސިމް ބިން އަލް-ޘާނީއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ ހަވީރު ބޮޑުވަޒީރުގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުންނާއި، މި ދާއިރާގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ، ޤަޠަރުގެ ބޮޑުވަޒީރަށް މަޢުލޫމާތު ދެއްވި އެވެ. އަދި ރާއްޖެ އަށް ބޭރުގެ އިންވެސްޓަރުން އިތުރުކުރެއްވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާބެހޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ.
ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޤަޠަރުގެ އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ޤަޠަރު ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި، މި ކަމުގެ ސަބަބުން ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު، އެ ޤައުމުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމީ، ޔޫސުފު ޙުސައިން ކަމާލާވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޤަޠަރާ ދެ ޤައުމުގެ ދެމެދުގައި، އިޤްތިޞާދީ އަދި މާލީ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.